Sunday, 26 July 2026
Ads by

މިސްކިތުގެ ޙުރުމަތް ކެނޑުން!

މިސްކިތުގެ ޙުރުމަތް ކެނޑުން!

މިސްކިތްތަކަކީ ދުނިޔެމަތީގައިވާ މާތް ﷲ ގެ ގެކޮޅުތަކެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޯބިވެވިގެންވާ ތަންތަނެވެ. އެއީ މާތް ﷲ ގެ ނަންފުޅު ޛިކުރުކޮށް، އެކަލާނގެ މަތިން ހަނދުމަކޮށް، އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައި ޚާއްޞަ ގޯތިތަކެކެވެ. އެތަނަކީ، ތާއަބަދު އެތަންތަނަށް މަލާއިކަތް ބޭކަލުން ފައިބައިވަޑައިގެން، އެތަނުގައި އަޅުކަންކުރާ މީހުންނާމެދު މާތް ﷲ ގެ ޙަޟްރަތުގައި ހެކިބަސް ދެއްވައި، އެމީހުންގެ ޙާލާމެދު މާތް ﷲ އަށް ޖަވާބުދާރީވެވަޑައިގަންނަވާ، މަތިވެރި މާތް ވެށިތަކެކެވެ. އެއީ މުޅި އިސްލާމީ އުންމަތް ރަމްޒުކޮށްދޭ އިސްލާމްދީނުގެ މަތިވެރި ޝިޢާރެއްވެސް މެއެވެ.

Ad Image
Ads by

މިފަދަ ހުރިހާ ކަމަކަށްޓަކައި، މިސްކިތްތަކަކީ މާތް ﷲ އަށް އީމާންވާ ކޮންމެ މީހެއްގެ ހިތުގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭންޖެހޭ ތަނެކެވެ. ކޮންމެ މުއުމިނަކު އެތަން ދެކެ ލޯބިވާންޖެހެއެވެ. އެތަނަށް ޚިދުމަތްކޮށް ޙިމާޔަތްވެސް ކުރަންޖެހެއެވެ. ދިރުވައި އާލާކުރަންޖެހެއެވެ. އަފްރާދުންގެ އިތުރުން، އެތަންތަނަކީ، ކޮންމެ އިސްލާމީ ދައުލަތަކުންވެސް އެންމެ އިސްކަމެއް ދީގެން ބަލަހައްޓަންޖެހޭ ތަނެކެވެ. ޚާއްޞަކޮށް އިސްލާމީ ދައުލަތްތަކުގެ ވެރިންގެ ޒިންމާ އެކަމުގައި ބޮޑެވެ.

މިސްކިތްތަކަށް ދެވިފައިވާ މަތިވެރި މަޤާމު

ހިޖުރައިގެ ޙާދިޘާއަށްފަހު އުފެދިގެންދިޔަ އިސްލާމީ ދައުލަތުގެ އެންމެ ފުރަތަމަ ވެރިޔާގެ ޙައިޘިއްޔަތުން، ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ވަޑައިގެން، އެކަލޭގެފާނު ހުންނެވުމަށް ޚާއްޞަ ގެކޮޅެއް ހެއްދެވުމުގެ ކުރިން، އެންމެ ފުރަތަމަވެސް އަވަސްވެވަޑައިގެންނެވީ، މިސްކިތެއް އެޅުއްވުމަށެވެ. މަސްޖިދުއްނަބަވީގެ ބިންގާ އެޅުއްވުމަށެވެ. އަމިއްލަފުޅު ގެކޮޅަކަށްވުރެ އެކަލޭގެފާނަށް މުހިންމުފުޅުވީ، މާތް ﷲ ގެ ގެކޮޅެއް ބިނާކުރެއްވުމެވެ. އެހެންވެ، އެކަލޭގެފާނުގެ ޖަމަލުކޮޅު ބަނޑުޖެހި ތަނުގައި މަސްޖިދުއްނަބަވީ އެޅުއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ. ޚުދު، އަމިއްލަފުޅަށް އެ މަސައްކަތްޕުޅުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އެއީކީ، އެހެން ވެރިންގެ ކިބައިން ފެންނަ ކަންކަމެއް ނޫނެވެ. އެމީހުންގެ ގޮތަކީ، ގޮތްކިޔަން މާދުރުގައި ބަލަހައްޓައިގެން މަތިހަށި ނަގައިގެން ތިބުމެވެ. ނަމަވެސް، އިތުރު އެކަލޭގެފާނު صلى الله عليه وسلم އަށް އެގޮތް ކަމަކު ނުދިޔައެވެ. އެކަމުގައި އެކަލޭގެފާނު ދެއްކެވީ ނަމޫނާއެވެ. ދެން އަންނާންތިބި އިސްލާމީ ދައުލަތްތަކާއި ޤައުމުތަކުގެ ވެރިން ކަންކުރަންޖެހޭ ގޮތުގެ ނަމޫނާއެވެ. ނަންގަވައިދެއްވީ، މާތް ﷲ ގެ ޝިޢާރުތައް މަތިވެރިކުރަންޖެހޭ ގޮތުގެ ފިލާވަޅެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

﴿ذَٰلِكَ وَمَن يُعَظِّمْ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ ٣٢﴾ (سورة الحج: 32)

މާނައީ: ”(ކަންހުރިމަގީ) އެއީއެވެ. އަދި މާތް اللَّه ގެ شعائر ތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوى ވެރިކަމުގެ ތެރެއިންނެވެ.“

އިސްލާމްދީނުގައި މިސްކިތްތަކަށް ދެއްވާފައިވާ ޤަދަރުގެ މަތިވެރިކަން ހުރި މިންވަރުން، އެތަންތަން އާރާސްތުކޮށް އާބާދުކުރުމުގެ ހުއްދަ އޮންނަނީވެސް ހަމައެކަނި މުސްލިމުންނަށެވެ. އެހެންކަމުން، އިސްލާމްދީން ޤަބޫލުނުކުރާ، މާތް ﷲ ގެ އެއްކައުވަންތަކަމަށް އީމާންނުވާ މީހުންނާ އެކަން ޙަވާލުކުރުމެއް ނެތެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ فَعَسَى أُولَئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ﴾ (التوبة: 18)

މާނައީ: ”ﷲ ގެ މިސްކިތްތައް އާބާދުކޮށް ބަލަހައްޓާނީ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވި، އަދި ނަމާދު ޤާއިމުކޮށް ޒަކާތްދީ، ﷲ ފިޔަވައި އެހެން ފަރާތަކަށް ބިރުވެތިނުވާ މީހުންނެވެ. ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން އެމީހުންވުން ކައިރިވެގެންވެއެވެ.“

ދިވެހިންގެ ހިތްތަކުގައި މިސްކިތަށް ހުރި ޤަދަރާއި އިޙްތިރާމު

ދިވެހީންނަކީ އެންމެ ކުރީ ޒަމާނުއްސުރެ، މިސްކިތްތަކަށް ވަރަށް ބޮޑު ޤަދަރަކާއި އިޙްތިރާމެއް އަދާކުރަމުންއައި ބައެކެވެ. މިޒަމާނުގައިވެސް ޖުމުލަކޮށް އެކަން އޮތީ އެހެންނެވެ. މަދު ފަހަރަކު މެނުވީއެވެ. މަދު މީހަކު މެނުވީއެވެ. އެހެންވެ، މިއަދާ ހަމައަށް އައިއިރުވެސް، ބޭރު ޤައުމުތަކާ އަޅާބަލާއިރު، ދިވެހިންގެ މިސްކިތްތައް ސާފުވެފައި ރީއްޗެވެ. މިސްކިތަށް ދާ ”ހައިޕަރ ސުޕަރ މެޖޯރިޓީ“ މީހުން ތިބެނީ ވަރަށްވެސް ”ހަޑި ނޫންކޮށް“ އެެވެ. ނަލަހެދިލައިގެންނެވެ. މިސްކިތުގެ އެތެރެއާއި ބޭރުވެސް ހުންނަނީ ވަރަށް ތަރުތީބުކޮށެވެ. ޚާއްޞަކޮށް މިފަހަކަށް އައިސް، ހުރިހާ މިސްކިތެއްހެން އެދަނީ، އޭސީ ކުރެވި، މޮޅެތި ޚަރަދުކޮށްގެން ބަލަހައްޓަމުންނެވެ. މިސްކިތުގެ ކަންކަމަށް ސަރުކާރުތަކުގައި ވަކި ސެކްޝަންތައް ހުރެއެވެ. ކައުންސިލްތަކުން ވަކި މުވައްޒަފުން ލާފައި ހުރެއެވެ. ވަކި އިންތިޒާމެއްގެ ދަށުން މިސްކިތްތަކުގެ ކަންކަން ބަރާބަރަށް ބަލަހައްޓަމުން ގެންދެއެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާންތަކުގައި މިސްކިތްތަކަށް ބެހެއްޓެވި އަހަންމިއްޔަތުކަން އެހެރީ މިއަދުވެސް ލޯމައްޗަށް ފެންނާށެވެ. މީގެ 300 ނުވަތަ 500 އަހަރު ކުރިން އެބޭކަލުން ބިނާކުރައްވާފައި ހުރި މިސްކިތްތައް އެހެރީ އެހާމެ ވަރުގަދަކޮށެވެ. އޭރު އެބޭކަލުން ކަނޑުފަޅު ފީނައިގެން ހިރިގާ ނަގައިގެން ހެއްދެވި މިސްކިތްތައް އަދިވެސް އެހުރީ އެހާމެ ފުރިހަމަކޮށެވެ. އެތަންތަނުގައިވާ ކުރެހުންގަނޑާއި ވަޑާންގަނޑާއި އަތްތެރި މަސައްކަތްތަކަށް އެކަނި ބަލައިލިޔަސް، ދިވެހި ކާބަފައިން، އަޅުގަނޑުމެންގެ ކާފަމާމަމެން، މިސްކިތްތަކަށްޓަކައި ކުރައްވާފައިވާ ބުރަ މަސައްކަތްތައް އަންދާޒާކޮށްލެވެއެވެ. އެޒަމާނަކީ، އިންޖީނުލީ އުޅަނދެއް ހުރި ޒަމާނެއް ނޫނެވެ. ހިރިގާ ނަގަން ގޭސްފުޅިއާއި މާސްކު ބޭނުންކުރި ޒަމާނެއް ނޫނެވެ. އެތަކެތި ކީހައި، އެކި ބައްޓަންތަކަށް ކޮށައި މަށައި ހަދަން މިޒަމާނުގައި މިގެންގުޅޭ ފަދަ ކަރަންޓު، ބެޓެރީ ބުރުމާ ފަދަ ސާމާނު ހުރި ޒަމާނެއް ނޫނެވެ. ބޮކި، ފަންކާވެސް ހުރި ޒަމާނެއް ނޫނެވެ. ހުއްޓަސް ހުރީ ފުޅިބައްތި ފަދަ ތަކެއްޗެވެ. ހުރިހާ ކަމެއް ކުރަމުންދިޔައީ، ކަނު އަނދިރިއާއި، ރަތްދައްކަ އަވީގައެވެ. ހޫނާއި ފިނީގައެވެ. މޫދުން ނަގާ ހިރިގާ އުފުލާނެ ޕިކަޕެއް ނެތް ތާނގައި، ބަރޮލެއްހާ ހިސާބުވެސް އެދުވަސްވަރަކު ނުހުރެއެވެ. އޭގެ މަސައްކަތެއްގައި އުޅެނިކޮށް، އަތަކަށް ފަޔަކަށް އަނިޔާއެއް ވިޔަސް، މިއަދު މިހުންނަ ފަދަ ޒަމާނީ އަވަސްފަރުވާއާއި ބޭސްވެރިކަމުގެ އާލާތްތަކެއް ނުހުރެއެވެ. ކުޑަމިން ތަދުކަނޑުވާނެ، ނުވަތަ އައްސިކުރާނެ އިންޖެކްޝަނެއްވެސް އޭރަކު ނުހުރެއެވެ.

މިސްކިތްތަކުގެ އަދަބު

މިސްކިތްތަކަކީ އެހާ މަތިވެރި ޤަދަރެއް ދެއްވާފައިވާ ތަންތަން ކަމުގައި ވާހިނދު، އެތަންތަނާމެދު އަދަބުވެރިވުމަކީ، އެ މަތިވެރިކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ އެތަނުގެ ސާފުޠާހިރުކަން ބެލެހެއްޓުމެވެ.

ﷲ ތަޢާލާ އިބްރާހީމުގެފާނަށް އަމުރުފުޅު ކުރައްވާފައިވެއެވެ:

﴿وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ﴾ (الحج: 26)

މާނައީ: ”އަދި ޠަވާފުކުރާ މީހުންނާއި އަޅުކަމުގައި ޤާއިމުވެ ތިބޭ މީހުންނާއި ރުކޫޢު، ސުޖޫދުކުރާ މީހުންނަށްޓަކައި ތިމަން ރަސްކަލާނގެ ގެކޮޅު ސާފުތާހިރުކުރާށެވެ.“

ހަމައެފަދައިން، އެއް ދުވަހަކު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ މިސްކިތްކޮޅުގެ ޤިބްލައާވީ ފާރުގައި ކުޅު ހޭކިފައި ހުއްޓައި ފެނިވަޑައިގަތެވެ. އަދި އެތަން ފެނުމާއެކު، އެކަލޭގެފާނު ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވި ކަމުގެ އަސަރު މޫނުފުޅުން ފާޅުވެގެންދިޔައެވެ. އެއާއެކު، މިސްކިތްކޮޅުގައި އިންނެވި އަންޞާރިއްޔަ އަންހެން ޞަޙާބީއެއް ތެދުވެވަޑައިގެން އެތަން ސާފުކުރައްވައި، ޚަލޫޤު ކިޔާ ޢަޠަރެއް ހޭއްކެވިއެވެ. އަދި އެކަމަނާގެ އެ ޢަމަލުފުޅަށް ތަޢުރީފުކުރައްވައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ”مَا أَحْسَنَ هَذَا“. މާނައީ: ”ތިޔަ ގޮތް ކިހާ ރަނގަޅުހެއްޔެވެ!“ (ابن ماجه: 762)

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ: ”أَمَرَ رَسُولُ اللَّهِ صلى الله عليه وسلم بِبِنَاءِ الْمَسَاجِدِ فِي الدُّورِ، وَأَنْ تُنَظَّفَ وَتُطَيَّبَ“ (أبي داود: 455). މާނައީ: ”މީހުން އުޅޭ ސަރަޙައްދުތަކުގައި މިސްކިތްތައް ބިނާކުރުމަށާއި، އެތަންތަން ސާފުކޮށް، މީރުވަސް ދެއްވުމަށް ރަސޫލުﷲ صلى الله عليه وسلم އަމުރުކުރެއްވިއެވެ.“

މީގެ އިތުރުން، މިސްކިތަށް މީހުން އަންނައިރު އެބައިމީހުންގެ ގައިން ނުބައި ވަސް ނުދުވާނޭހެން ސާފުޠާހިރުކަން މަތީ އައުމަށްވެސް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައެވެ. އަދި ނުބައި ވަސް ދުވާ ޙާލުގައި މިސްކިތަށް ނަމާދަށް އަންނަ މީހުން އެ ވަސް ކަނޑުވައިގެން އަންނަންދެން މިސްކިތުން ބޭރުގައި ބޭތިއްބުމަށްވެސް އެކަލޭގެފާނު ވަނީ ބާރުއަޅުއްވާފައެވެ.

ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ: ”… لَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم إِذَا وَجَدَ رِيحَهُمَا مِنَ الرَّجُلِ فِي الْمَسْجِدِ، أَمَرَ بِهِ فَأُخْرِجَ إِلَى الْبَقِيعِ،…“ (مسلم: 567) މާނައީ: ”… ހަމަކަށަވަރުން، (ފިޔާއާއި، ލޮނުމެދު ކައިގެން) މިސްކިތަށް އަންނަ މީހާގެ ކިބައިން އޭގެ ވަސް ރަސޫލުﷲ صلى الله عليه وسلم އަށް ދުވައިފިނަމަ، އެމީހަކު މިސްކިތުން ދުރަށް ލައި، (މަސްޖިދުއްނަބަވީގެ އިރުމަތީގައި އޮންނަ ޤަބުރުސްތާނެއް ކަމުގައިވާ) އަލްބަޤީޢުއަށް ފޮނުވާލުމަށް އަމުރުކުރައްވައެވެ….“

ނުބައި ވަސް ދުވާ ޙާލުގައި މިސްކިތަށް ނުދިޔުމުގެ އިތުރުން، މިސްކިތަށް ގޮސް ތިބޭއިރު، މަޤްބޫލު ސަބަބެއް ނެތި އެތަނުގައި އަޑުގަދަކޮށް ހެދުމަކީވެސް މިސްކިތުގެ އަދަބުތަކާ ޚިލާފު ކަމެކެވެ.

އެއް ދުވަހަކު ޢުމަރުގެފާނުގެ ވެރިކަމުގައި، ދެ މީހަކު، މަސްޖިދުއްނަބަވީގައި ތަންކޮޅެއް ބާރަށް އަޑުލައި ވާހަކަ ދެއްކި އަޑު ޢުމަރުގެފާނަށް އިވިވަޑައިގަތެވެ. އެހެންކަމުން، އެ ދެ މީހުން ޢުމަރުގެފާނުގެ އަރިހަށް ގެނައުމަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. އެ ދެ މީހުން އެކަލޭގެފާނުގެ އަރިހަށް އައުމުން، އެއީ ކޮން ތަނެއްގެ ބައެއްތޯ ސުވާލު ކުރެއްވިއެވެ. އެ ދެ މީހުންނަކީ ޠާއިފުން މަދީނާއަށް އައިސްގެން އުޅޭ ބައެއް ކަމުގައި ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ: ”لَوْ كُنْتُمَا مِنْ أَهْلِ الْبَلَدِ لأَوْجَعْتُكُمَا، تَرْفَعَانِ أَصْوَاتَكُمَا فِي مَسْجِدِ رَسُولِ اللَّهِ صلى الله عليه وسلم“. މާނައީ: ”ތިޔަ ދެ މީހުންނަކީ މި ރަށުގެ (މަދީނާގެ) ދެ މީހުން ކަމުގައި ވީނަމަ، ތިޔަ ދެ މީހުންގެ ގައިގައި ޖެހީމުހެވެ؛ (އެއީ) ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ މިސްކިތްކޮޅުގައި އަޑުގަދަ ކުރީތީއެވެ.“

މިފަދަ ޙަދީޘްތަކާއި ޞަޙާބީންގެ ވާހަކަތަކުން ފެންނަން އޮތް ޙަޤީޤަތަކީ، މިސްކިތްތަކަކީ އެތަންތަނުގެ ޙުރުމަތަށް ފަރުވާތެރިވާންޖެހޭ ތަންތަން ކަމުގައެވެ. އެއީ އާދައިގެ ތަންތަން ކަމަށް ހީވާހެން، ނުވަތަ ބާޒާރުމަތިހެން ސިފަވާ ގޮތަށް، އަޑުގަދަކުރުން ފަދަ ވިޔާނުދާ ”ވަކަރުގޭ ކުދިންގެ“ އަޚްލާޤު ފެންނަންވާނެ ތަންތަން ނޫންކަމުގައެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް އަދަބު ދެވޭންޖެހޭ ކަމުގައެވެ.

މިސްކިތްތަކަށް ބޭއިޙްތިރާމު ކުރުމުން ލިބޭ އަދަބު

މުސްލިމުންގެ އާރާއި ބާރު ދުނިޔޭގައި ގަދަކޮށް އޮތްއިރު، އެފަދަ ކަންކަން މީހެއްގެ ކިބައިން ފެނިއްޖެނަމަ، އެމީހެއްގެ އެ ޢަމަލަށް އިންކާރު ކުރެވެއެވެ. އަދި އެމީހަކު އެކަމެއް ކުރީ އެންމެންގެ ކުރިމަތީގައި ކަމަށް ވާނަމަ، ހަމަ އެމަގުން އެންމެންގެ ކުރިމަތީގައި ނަޞޭޙަތް ދެވޭތެމެއެވެ. އަދި ކިއެއްތަ! އެންމެންގެ ކުރިމަތީގައި އިންޒާރާއި އަދަބުވެސް ދެވޭތެމެއެވެ. ނުވަތަ ބައެއް ފަހަރު ހައްޔަރުވެސް ކުރެވެއެވެ.

ޢާންމުންގެ ކުރިމަތީގައި ކުރާ އެކަހަލަ ވިޔާނުދާ ކަންކަމަށް އަދަބު ނުދިނުމަކީ، އެކަންކަން ޢާންމުވެގެން ދިއުމަށް ދެވޭ ހިތްވަރެކެވެ. އެކަންކަން އާންމުވުމަށް އެޅޭ ބާރެކެވެ. އެހެންވެ، އިހުގެ ބޭކަލުން އެފަދަ ޙާލަތްތަކުގައި އިންކާރު ކުރުމާއި އަދަބު ދިނުމުގެ ކަންކަން ކުރިއަށް ގެންދެވީ އެންމެންގެ ކުރިމަތީގައެވެ. އެއީ އެކަންކަން ތަކުރާރު ވިޔަނުދިނުމަށްޓަކައެވެ. މީސްތަކުންނަށް ފިލާވަޅެއްގެ ގޮތުންނެވެ.

ދިވެހިރާއްޖޭގައިވެސް އިހުގެ ޒަމާންތަކުގައި އެފަައިން ކަންކޮށްފައިވެއެވެ. އެގޮތުން، މިސްކިތުގައި ސަކަރާތް ޖެހުން ނުވަތަ މިސްކިތަށް ކުނި އެޅުން ފަދަ ކަމެއް ކޮށްފިނަމަ ރަށު އޮފީހަށް ޙާޟިރުކޮށް ނަޞޭޙަތާއި އިންޒާރު ދެވެއެވެ. ކުޑަކުދިން އެފަދަ ކަންކަން ކޮށްފިނަމަ، ރަށު ކަތީބު، ނުވަތަ ސްކޫލު ހެޑްމާސްޓަރު ނުވަތަ މިސްކިތުގެ މުދިމު އެކުދިންނަށް ނަޞޭޙަތް ނުވަތަ އިންޒާރު ދެއްވައެވެ. އަދި ބައެއް ފަހަރު، އެކުދިން ލައްވައި މިސްކިތްތެރެ ކުނިކަހައި ސާފުކުރުވުން، ނުވަތަ ވަޅު ދިޔަ ހިއްކުވުން ފަދަ ކަންކަން ކުރުވާފައި ހުރެއެވެ.

މީގެ އިތުރުން، ބައެއް ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ޒަމާނުގައި މިސްކިތުގެ ޙުރުމަތް ކަނޑައިފި މީހަކީ، ދައުލަތާއި ދީނަށް ޚިޔާނާތްތެރިވެފައިވާ މީހެއް ކަމުގައި ބަލައި، ބޮޑެތި އަދަބު ދީފައިވެސް އެބަހުއްޓެވެ.

ކަންމިހެން އޮތް ނަމަވެސް، މިހާރަކަށް އައިސް، ފެންނަމުންދާ ހިތާމަވެރި މަންޒަރަކީ، ދިވެހީންގެ މިސްކިތްތަކަށް އިޙްތިރާމު ކުޑަކޮށް، އެ ތަންތަނަށް ގެއްލުންދޭ މީހުންނާމެދު އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭ ތަނެވެ. މާތް ﷲ ގެ ގެކޮޅަށް ދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތް ފުރިހަމަ ގޮތުގައި ނުދެވޭތަނެވެ. އެއިން ކޮންމެ ތަނެއްގެ އެތެރެއާއި ބޭރުގައި ބޮޑެތި މޮޅެތި ކެމެރާ ހަރުކޮށްފައި ހުއްޓަސް، މިސްކިތަށް ގެއްލުންދޭ މީހާ ހޯދައިގަނެ، ޙައްޤު އަދަބު ނުދެވޭތަނެވެ. އޭގެ ސަބަބުން އެފަދަ ނުރައްކާތެރި، ނިރުބަވެރި ކަންކަން ތަކުރާރުވަމުންދާ މަންޒަރެވެ.

މިހިސާބުން އަޅުގަނޑުމެން ވިސްނާލަންވީ އެއް ކަމަކީ، މާތް ﷲ މި ބިންމަތީގައި ލައްވާފައިވާ އެންމެ މަތިވެރި ބިންތައް ކަމުގައިވާ އެކަލާނގެ ގެކޮޅުތައް ކަމުގައިވާ މިސްކިތްތައް ޙިމާޔަތްކުރުމުގެ ޒިންމާ އަޅުގަނޑުމެންގެ ކޮނޑުގައި އެކަލާނގެ އަޅުއްވާފައި އޮވެމެ، އެކަންކަމަށް އަޅުގަނޑުމެން އިހުމާލުވާނަމަ، އަޅުގަނޑުމެންގެ ޢާއިލާތަކާއި ގެދޮރާއި ރަށްތަކާއި ޤައުމު ޙިމާޔަތްކުރެއްވުމަށް އެކަލާނގެ އަހަންމިއްޔަތުކަމެއް ދެއްވަންޖެހޭ އެއްވެސް ސަބަބެއް އޮންނާނީ ކީއްވެގެންތޯ؟ މި ސުވާލެވެ!

އަޅުގަނޑުމެންގެ ޢާއިލާތަކާއި މުޅި ޤައުމު ހަލާކުވެގެންދާން ދޫކޮށްލެއްވުމަށް ހުރަސްއަޅާނެ ސަބަބެއް ކަމުގައިވާން އޮތީ ކޮން ކަމެއްތޯ؟ މި ސުވާލެވެ!

ދުޢާއަކީ އަޅަމެންނަކީ މާތް ﷲ ގެ ގެކޮޅުތަކަށް އަހަންމިއްޔަތުކަން ދޭ، އެތަންތަނުގެ ރައްކާތެރިކަމަށް ފަރުވާތެރިވާ، އެތަންތަނަށް ކުރަންޖެހޭ ޙައްޤު އިޙްތިރާމު އަދާކުރާ ބައެއް ކަމުގައި ލެއްވުމެވެ. އެކަމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި