ދިވެހި ފުލުހުންގެ ޚިދުމަތުގައި އުޅެނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާން އާކުރުމުގެ ގޮތުން ބާއްވާ ”ޕޮލިސް މެމޯރިއަލް ޑޭ“ ގެ ރަސްމިއްޔާތު ކަވަރުކުރުމުގެ ފުރުސަތު މީޑިއާތަކަށާއި ފޮޓޯގްރާފަރުންނަށް ހުޅުވާލައިފިއެވެ.
މި މުހިންމު ރަސްމިއްޔާތު އޮންނާނީ މިއަހަރުގެ ޖުލައި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 05:45 ގައެވެ. ރަސްމިއްޔާތު ކުރިއަށް ދާނީ އަމީނީމަގު، އިސްކަންދަރު ބިލްޑިންގ ކުރިމަތީގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މިއީ ފުލުހުންގެ ޚިދުމަތުގައި ގައުމަށްޓަކައި ގުރުބާންވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ހަނދާންތައް އާކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.
މި ރަސްމިއްޔާތު ވަގުތުން ބަލަން ބޭނުންވާ ފަރާތްތަކަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ފޭސްބުކް ޕޭޖުންނާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) މެދުވެރިކޮށް ވަގުތުން ބްރޯޑްކާސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، މި ރަސްމިއްޔާތު ކަވަރުކުރުމަށް ޝައުގުވެރިވާ ފޮޓޯގްރާފަރުންނާއި ނޫސްވެރިން ކަނޑައެޅިފައިވާ ގަޑިއަށް ރަސްމިއްޔާތު އޮންނަ ސަރަހައްދަށް ވަޑައިގަތުމަށް ފުލުހުންގެ ޚިދުމަތުން ދައުވަތު އަރުވައެވެ.













