އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ ޔުނިސެފުގެ އިންޑިއާ ގޮފީގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހަމަޖައްސައިފި އެވެ.
ޔުނިސެފް އިންޑިއާގައި ހިންގާތާ 75 އަހަރު ވެފައިވާއިރު، ކަރީނާ އަކީ 2014 ވަނަ އަހަރުން ފެށިގެން އެޖަމިއްޔާގެ ސެލެބްރިޓީ އެޑްވޮކޭޓަރުގެ މަގާމު އަދާކުރަމުން އަންނަ ފަންނާނެކެވެ.
މި ވާހަކަ އިންސްޓަގްރާމްގައި މިއަދު ހިއްސާކޮށް ކަރީނާ ބުނީ ފާއިތުވި 10 އަހަރުގެ ތެރޭގައި ޔުނިސެފާ އެކީ ވަރަށް މުހިއްމު އަދި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދޭން މިހާތަނަށް ޔުނިސެފާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ކަރީނާ ބުންޏެވެ.
“ކުޑަކުދިންގެ ހައްގުތައް، މި ދުނިޔޭގެ އަންނަން އޮތް ޖީލު ފަދަ މުހިންމު ކަންތައްތައް މަދު. އެކަންކަން ހައްލު ކުރުމަށް ޔުނިސެފްއާ ގުޅުން ކުރިއަށް ގެންދިއުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް،” އުމުރުން 43 އަހަރުގެ ބަތަލާ ކަރީނާ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ތާބޫ އާއި ކްރިތީ ސަނޯންއާ އެކު “ކްރޫ” އިންނެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި ބްލޮކްބަސްޓާ ފިލްމެކެވެ. ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ރޯހިތު ޝެޓީގެ ‘ސިންގަމް އެގެއިން’ އެވެ.