މާލެ ޓީޖެޓީ ސަރަހައްދަށް ކުނި އަޅަމުން ދިޔަ މީހަކު ދެނެގަނެ ޖޫރިމަނާ ކުރެވިފައި ވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން އެކްސްގައި ކުރެއްވި ޕޯސްޓް އެއްގައި ވަނީ ޖޫރިމަނާ ކުރި ޗިޓު ކޮޅުގެ ފޮޓޯ ހިއްސާ ކޮށްފައެވެ. އެހެން ނަމަވެސް ކުނި އެޅި މީހާގެ މައުލޫމާތުތައް އެ ޗިޓުކޮޅުގައި ވަނީ ފޮރުވާފައެވެ. އަދި އެ ޕޯސްޓުގައި އެސަރަހައްދުގެ ފޮޓޯ ވެސް ހިއްސާކޮށްފައިވެއެވެ.
ޓީ ޖެޓީ ސަރަހައްދަށް ކުނި އަޅަމުންދާ ފަރާތެއް ވަނީ ހޯދާ ޖޫރިމަަނާ ކުރެވިފައި pic.twitter.com/1JMTzEuCiu
— Malé City Council (@MaleCitymv) May 4, 2024
ސިޓީ ކައުންސިލުން މާލެ ސިޓީއަކީ ސާފު ސިޓީ އަކަށް ހެދުމަށް ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މަގު މައްޗަށް ކުނި އަޅާ ފަރާތްތައް ދެނެ ގަނެ ޖޫރިމަނާ ކުރާނެ ވާހަކަ މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އަންގާފައެވެ.
މާލެ ސަރަހައްދު ސާފުކޮށް ބޭއްވުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ދަނީ މާލޭގެ ގިނަ ސަރަހައްދުތަކުން ކުނި ނަގާ ސާފު ކުރަމުން ދާއިރު، މާލޭގެ މަގުމައްޗަށް ކުނި އަޅާ ނަމަ، 500ރ. އިން ޖޫރިމަނާ ކުރާއިރު، އެ ކައުންސިލުން ދަނީ މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުން ލައްވާ ކުނި ނަގުވަމުންނެވެ.