Sunday, 26 July 2026
Ads by

ނުބައި ކަންކަމަށް އެހީތެރިވަނީ ހެއްޔެވެ؟

ނުބައި ކަންކަމަށް އެހީތެރިވަނީ ހެއްޔެވެ؟

އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމީ މަކާރިމުލްއަޚްލާޤުގެ ތެރޭގައި ހަމައެކަނި ރިވެތި އާދައެއް ނޫނެވެ. އަދި ކިއެއްތަ! އެއީ މުއުމިނުންގެ އެންމެ އަސާސީ އެއް ސިފައެވެ. ޚާއްޞަކޮށް، ގާތްތިމާގެ މީހުންނާއި ޙާލުގައި ޖެހިފައި ތިބޭ މުސްލިމުންނަށް އެހީތެރިވުމަކީ، މުއުމިނަކު އެ ސިފައަކުން ޒީނަތްތެރިވާނެ އެންމެ ރިވެތި ސިފައެވެ. އެއީ ލޮބުވެތި މާތް ނަބިއްޔާ صلى الله عليه  وسلم އާއި މަތިވެރި ޞަޙާބީންނާއި، އަދި އެބޭކަލުންނަށް ތަބާވީ އެންމެހާ ޞާލިޙު އަޅުން ނުހަނު އިސްކަމެއް ދެއްވި ސިފައެވެ.

Ad Image
Ads by

މާތް ﷲ ވަޙީކުރައްވައިފައިވެއެވެ:

”…وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ…“ (ސޫރަތުލް މާއިދާ، 2)

މާނައީ: ”…އަދި ހެޔޮކަންތަކާއި ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ.“

އައްޝައިޚް އަލްބާނީ ރަޙިމަހުﷲ ޞައްޙަ ކުރައްވާފައިވާ އައްޠަބަރާނީގެ ޙަދީޘެއްގައި ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވެއެވެ: ”أَحَبُّ الناسِ إلى اللهِ أنفعُهم للناسِ…“ މާނައީ: ”މީސްތަކުންގެ ތެރެއިން މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ އެބައިމީހުންނަށް އެންމެ ފައިދާހުރި މީހެކެވެ.“

މީސްތަކުންނަށް އެހީތެރިވުމުގައި އެންމެ ހެޔޮކަން ބޮޑީ އެބައިމީހުންނަށް ތެދުމަގު ދެއްކުމުގައި އެހީތެރިވުމެވެ. އޭގެ ތެރެއިންވެސް އެންމެ މަތީ ދަރަޖައެއް ދެވިފައިވަނީ، މީސްތަކުން ހެޔޮމަގަށް ގެނައުމަށްފަހު، އެމީހުން އެގޮތުގައި ޘާބިތުވެ ތިބުމަށް އެހީތެރިވުމަށެވެ. ނުބައި ކަންކަމުން ދުރުހެލިކޮށްދިނުމެވެ. އަދި އެގޮތުގައި އޭނާގެ ފައިތިލަ ޘާބިތުކޮށްދިނުމެވެ.

އިތުރު އެކަލޭގެފާނު صلى الله عليه  وسلم ޙަދީޘް ކުރައްވައިފައިވެއެވެ: ”والله لأن يهدى بهداك رجل واحد خير لك من حمر النعم “ (سنن أبي داود: 3661) މާނައީ: ”މާތް ﷲ ގައްދެއްވާ ހުވާކުރައްވަމެވެ. ކަލޭގެފާނު މެދުވެރިކޮށް އެންމެ މީހަކަށް ހިދާޔަތް ދެއްކެވުން ވެސް، ރަތް ޖަމަލެއް ކަލޭގެފާނަށް ލިބުމަށް ވުރެ ހެޔޮކަން ބޮޑެވެ“.

ރަތް ޖަމަލަކީ ޢަރަބިންގެ މެދުގައި އެންމެ އަގުބޮޑު ބާވަތުގެ ޖަމަލެވެ.

މީހަކަށް ތެދުމަގު ލިބުމަށް ފަހު ދުނިޔެ ދޫކޮށްފައި ދާންދެން އެގޮތުގައި ޘާބިތު ނުވެއްޖެނަމަ، އޭނާ ކުރި ހުރިހާ މަސައްކަތެއް އެދިޔައީ ބޭކާރުވެގެންނެވެ. ބައެއް މީހުން، މުޅި ޢުމުރުގައި ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރެއެވެ. ނަމަވެސް، އޭނާ މިދުނިޔެ މަތީގައި ހޭދަކުރާ އެންމެ ފަހު ވަގުތުކޮޅުގައި، ޝިރުކުގެ ކޮންމެވެސް ޢަމަލަކަށް ހުށަހެޅިގަނެ، އޭގެން ތައުބާ ނުވާ ޙާލު މަރުވެގެންދެއެވެ. ވަރަށް ގިނަ ފަހަރު، އެފަދަ މީހުންގެ ތެރޭގައި ފަންޑިތަ ހަދައި، ނުވަތަ ފަންޑިތަ ހަދުވާ މީހުން ހިމެނެއެވެ. އަދި ފާލުބަލާ މީހުންނާއި، ތަވީދު އަޅާ މީހުންވެސް ހަމަ އެފަދައެވެ.

ލަވައާއި މިއުޒިކާއި، ބަނގުރާ ފަދަ މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް މިދެންނެވި ޙާލަތުގައި ދުނިޔެ ދޫކޮށްދިއުމަކީ ޢާންމު ކަމެކެވެ. އެބައިމީހުން މިދުނިޔެ ދޫކޮށްދާއިރު ކުރެވިފައި އޮންނަ އެންމެ ފަހު ކަމަކީ، ކޮންމެވެސް ފާޙިޝް ޢަމަލެއް ނުވަތަ މަސްތުގެ ޢަމަލެކެވެ.

މިފަދަ ކަންކަން ކުރުމަކީ ދީނީގޮތުން ކަނޑައެޅިގެން ޙަރާމް ކަންކަން ކަމުގައި އެނގިހުރެ، ތިމާ ދަންނަ، އެފަދަ ކަންކަން ކުރާ މީހުން އެކަންކަމުން ދުރުކުރުމަށްޓަކައި އެފަދަ ޢަމަލުތަކަށް އިންކާރު ކުރުމަކާ ނުލައި، އެއީ ހަމަ ”ނޯމަލް“ ކަންކަން ކަމުގައި ދެކިގެން އުޅެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ ނުވަތަ، އެމީހުން ކުރާ ކަންކަމަކީ އަހަރެންނާ ބެހޭ ކަންކަމެއް ނޫންކަމަށް ޤަބޫލުކޮށްލައިގެން، ވަރަށް ”ޓޮލަރޭޓް“ މީހަކަށް ވާން އެމީހުންނާއެކު ވަގުތުތައް ހޭދަކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް މީހުންބާވައެވެ؟

ވަރަށް ގިނަ ފަހަރު، ތިމާއާއެކީ އެއް އޮފީހެއްގައި މަސައްކަތްކުރާ، ނުވަތަ އެކުގައި ވިޔަފާރި ޙިއްސާވާ މީހުންނަކީ، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސާޖުޕާލާގެ ނަމުގައި ހިންގޭ ހަށިވިއްކާ ނާސިގެތަކަށް ދިޔުން، ނުވަތަ އޮފީހުގެ ފައިސާއަށް ޚިޔާނާތްތެރިވުން ފަދަ ބޮޑެތި ޖަރީމާތަކުގައި އުޅޭ މީހުން ކަމުގައި މި ދިވެހި މުޖުތަމަޢުން ވާތަން ފެނެއެވެ. ނަމަވެސް، އެފަދަ ކަންކަން ކުރާ މީހުން އެކަންކަން ކޮށްފައި އައިސް، ކޮންމެ ދުވަހަކު ތިމާ ކައިރީގައި ”ފޮނިކަނޑާއިރު“ އެއިން ކަމަކާ ދެކޮޅަށް ބަހެއް ނުބުނެ، ހީލަހީލާ ހަނުހުންނަ މީހުން މަދެއް ނޫނެވެ. ސަބަބަކީ ތިމާގެ ވިޔަފާރިއަށް އަސަރުކޮށްފާނެތީއެވެ. ނުވަތަ ލިބެންއޮތް ފައިދާއެއް ގެއްލިދާނެ ޒާތީ ”މަޞްލަޙަތެއް“ އޮތަތީއެވެ. އެހެންވެ، މުޅި ޢުމުރު އެފަދަ މީހަކާއެކީ ހޭދަކުރުމަކީ އެމީހުންނަށް މައްސަލައެއް ކަމުގައެއް ނުވެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ތިމަންނާ އޭނާއަށް އެކަންކަމުގައި އެހީތެރިއެއް ނުވަމެއް ނޫންހެއްޔެވެ؟ ތެދެކެވެ. ތިމާ އޭނާގެ އަތުގައި ހިފައިގެން އެކަންކަމެއް ނުކުރުވައެވެ. ނަމަވެސް، ފާސިޤުންނާއި ފާޖިރުންގެ މުންކަރާތްތަކަށް އިންކާރު ނުކޮށް ހަނުހުރުމަކީ، އެކަންކަމަށް ދެވޭ ހިމޭން އިޤުރާރެކެވެ.

އިސްލާމްދީނުގައި އަންގަވާފައިވަނީ މުންކަރާތްތައް ހިނގާ ތަންތަނުގައި ނުތިބުމަށެވެ. އެއީ އެކަންކަމަށް އިންކާރު ނުކުރެވޭ ނަމައެވެ. އެފަދަ ތަނެއްގައި ހުންނަނަމަ، އެމީހަކަށް ވީވަރަކުން، ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އިންކާރު ކުރަން އިސްލާމްދީނުގައި އަމުރުކުރައްވާފައިވެއެވެ. އަތުންނާއި ދުލުންނެވެ. އެވަރު ނުވާމީހާ ހިތުންނެވެ. ހިތުން އިންކާރު ކުރުމުގެ ތެރޭގައި ހިމެނެނީ އެތަނަކުން ނިކުމެގެން ދިއުމެވެ.

ތަބޫކު ހަނގުރާމައަށް ދިއުމަށް ފަރުވާކުޑަކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ވާހަކަ މާތް ﷲ ތައުބާ ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. އެ ތިން މީހުން ހަނގުރާމައަށް ނުދިޔަކަމަށްޓަކައި އެމީހުންނާ ގުޅުން ކަނޑާލުމަށް ނަބިއްޔާ صلى الله عليه  وسلم މުސްލިމުންނަށް އެންގެވިއެވެ. އަދި މާތް ﷲ އަށް ތައުބާވެ، އެ ތައުބާ އެކަލާނގެ ޤަބޫލުކުރައްވަންދެން އެގޮތުގައި، އެ ތިން މީހުން މަދީނާގައި އެކަހެރިކޮށްލެވުނެވެ.

މި މައުޟޫގައި ވާރިދުވެގެން އައިސްފައިވާ ގިނަގުނަ ޙަދީޘްތައް އިސްތިޘްނާ ކުރުމަށްފަހު، މި ޙާދިޘާއަށް އެކަނި ފިކުރު ހިންގައިލިޔަސް ހާމަވެގެންދާ އެއް ކަމަކީ، ނުބައި ކަންކަން ކުރާ މީހުންނާ ގާތްވުމަކީ، އެމީހުން އެކުރާ ނުބައިކަންކަމަށް ދެވޭ އެއްބާރުލުމެއް ކަމެވެ.

އަޅުގަނޑުމެންގެ ތެރެއިން މިފަދަ ޙާލަތެއްގެ ތެރޭގައި ހުރެވޭ ކޮންމެ މީހަކީ އޭނާ އެހުރެވޭ ޙާލަތާ މެދު ވަރަށް ފުންކޮށް ވިސްނާލަން ޖެހިފައިވާ މީހެކެވެ. އޭނާގެ ސަބަބުން އަނެކާއަށް އެއްވެސް ހެޔޮ މަގެއް ނުފެންނަ ތަނުގައި، އަނެކުން ކުރާ ބޮޑެތި ގޯސްތަކުން ސަލާމާތް ނުކޮށްދެވޭ ނަމަ، އެ ހުރެވެނީ ވަރަށް ނުރައްކާ ފައްތަރެއްގެ މަތީގައެވެ. އެފަދަ މީހުންނަކީ ހަނުހުންނަ ޝައިޠާނުންގެ ތެރޭގައި ހިމެނޭ މީހެއް ކަމުގައި ވެގެން ހިނގައިދާނެއެވެ. ހުރިހާ ނުބައިކަމެއް ހިނގަމުން ދާއިރު، އެއް މިޔަކަނުން ހިނި އައިސް ބަލަހައްޓައިގެން ހުންނަ ”ސެކިޔުރިޓީ ގާޑެއް“ ކަމުގައި އޭނާ ވެގެން ހިނގައިދާނެއެވެ. އަދި އެންމެ ފަހުން، ޤިޔާމަތް ދުވަހުން، އެހުރިހާ އެންމެނާ އެކީގައި، އޭނާ ވެސް ޖަހަންނަމައިގެން އަލިފާންގަނޑަށް އެއްލައިލެވޭ މީހެއް ކަމުގައި ވެގެން ހިނގައިދާނެއެވެ.

ބަނޫ އިސްރާއީލުންނަށް ހޮނިހިރު ދުވަހު މަސް ނުބާނަން އަމުރު ކުރެއްވުނު ހިނދު އެއާ ޚިލާފުވީ މީހުންނާ ދެކޮޅަށް ބަސްބުނެ މަނާކުރި މީހުންނަށް ފާޑުކީ ބަޔަކު ތިއްބެވެ. އެމީހުންގެ ވާހަކަ މާތް ﷲ އަޢްރާފު ސޫރަތުގެ 164 އަދި 165 ވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވަނީ މިފަދައިންނެވެ.

﴿وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ * فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ ‎﴾‏

މާނައީ: ”އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ. ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب އަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ“.

ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި މި ޙާދިޘާގައި މާތް ﷲ ގެ ކޯފާއިން ސަލާމަތްވީ ހަމައެކަނި ބަޔަކީ، އެބައިމީހުންގެ ޤައުމުގެ މީހުން އަރައިގަތް މުންކަރާތާ ދެކޮޅަށް ވާހަކަ ދެއްކި މީހުންނެވެ. އެނޫން އެންމެންގެ މައްޗަށް މާތް ﷲ ގެ ކޯފާ އައިސް، އެ އެންމެން ރާމާމަކުނުތަކަކަށް ބަދަލުވެގެން ދިޔައީއެވެ.

ވީމާ، އެކުގައި އުޅޭ މީހުން ކުރާ މުންކަރާތްތަކާ މެދު އަޅައިނުލައި، އިންކާރު ނުކޮށް، ދޫކޮށްލައިގެން ތިބޭ ނަމަ، މާތް ﷲ ގެ ކޯފާ އަޅުގަނޑުމެންނާ ހަމައަށްވެސް ފޯރާނެ ކަމާ މެދު ބިރުވެރިވާން ޖެހެއެވެ. އޭރަށް، މުންކަރާތް ކުރި މީހުންނެކޭ އަޅުގަނޑުމެންނެކޭ އެއްހަމަވީއެވެ. އެއީ، އެމީހުން ކުރަމުން ދިޔަ މުންކަރާތްތަކަށް ނުސީދާކޮށް އަޅުގަނޑުމެންނަށް އެއްބާރުލުން ދީ، އެހީތެރިކަން ފޯރުކޮށްދެވުނީތީއެވެ. މާތް ﷲ އަޅަމެން އެފަދަ މީހުންގެ ތެރެއިން ނުލައްވަވާށިއެވެ. އާމީން!

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި