ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގައި އެޓޯލް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ދަ ފުޓްސަލް ޓައުން (ޓީއެފްޓީ) އިން ކާމިޔާބުކޮށްފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ޓީއެފްޓީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބުނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުންވެސް ކުޅުން ވަރުގަދަކޮށް، އެޓޭކިން ވިސްނުމެއްގައި ކުޅެމުން ދަނިކޮށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޓީއެފްޓީން ކުރިހޯދީ 54 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އިސްމާއިލާ އަބުމޭރޭއެވެ. މިއީ ޑީއޭރިއާ ތެރޭގައި ހުރެފައި އަބްދުﷲ މުއާޒް ފޮނުވާލި ބާރު ހަމަލާއެއް، އެޓޯލްސްގެ ކީޕަރު ނާޖިހުގެ އަތުގައި ޖެހިފައި އެނބުރި އައި ވަގުތު ރިބައުންސް ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ޓީއެފްޓީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ އެޓީމުގެ ވިންގަށް ކުޅޭ ހުނަރުވެރި ކުޅުންތެރިޔާ އަޙްމަދު ސުހެއިލެވެ. އޭރިއާ ބޭރުން ބޯޅަ ހިފައިގެން ގޮސް ސުހެއިލް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ހިންނަވަރު ރެކްރިއޭޝަން ކުލަބެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީއެފްޓީގެ އަޙްމަދު ސުހެއިލެވެ. މި ކާމިޔާބީއާއެކު ޓީއެފްޓީން ވަނީ ތިންވަނަ ޑިވިޝަންގެ ތަށި އުފުލާލައި، އެޓީމުގެ ތާރީޚުގައި އާ ސަފުހާއެއް ލިޔެފައެވެ.









