ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ، ގިރިފުށީ ހެވިކަމުގެ މައިދާނުގައި މިއަދު ހަވީރުއެވެ.
މި ރަސްމިއްޔާތުގައި، ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޙުސައިން މަޒީދެވެ. އަދި ތަމްރީނު ފުރިހަމަކޮށް ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ.
ދިވެހި ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯސް ކުރިއަށްގެންގޮސްފައިވަނީ މި އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. 72 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގައެވެ. 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ ކ. ގިރިފުށީގައެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް އިލްމު އުނގަންނައިދީ، ތަމްރީނުކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަހްލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރި، ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.
72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު، ރައީސް ވަނީ ކ. ގިރިފުށީ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން، މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ ބައްލަވާލައްވާފައެވެ.
މި މަޝްރޫއަކީ ރައީސް މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރެއްވުމަށްޓަކައި އެކަށައަޅުއްވައި ދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ބޭނުންވާ ތަމްރީނުގެ ވަސީލަތްތައް ގާއިމްކޮށް، ސިފައިންގެ ހުނަރާއި ގާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކުރިއަށްގެންދަވާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގައި ބިން ހިއްކުމާއިއެކު ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.













