ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗެއްގެ ހިދުމަތް ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗްތައް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަލަށް ހުޅުވުނު ބްރާންޗްތަކާއެކު ބޭންކް އޮފް މޯލްޑިވްސްގެ ބޭންކިންގ ވިއުގަ މިހާރު ވަނީ 55 އަށް އިތުރުވެފައެވެ. މިއަދު އަލަށް ހިދުމަތް ދޭން ފެށި ބްރާންޗްތައް ހުރި ރަށްތަކަކީ:
- ހއ. ހޯރަފުށި
- ށ. ކަނޑިތީމު
- ރ. އަލިފުށި
- ޅ. ހިންނަވަރު
- އދ. މާމިގިލި
- ގއ. ގެމަނަފުށި
- ލ. މާވަށް
މި ބްރާންޗުތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންދާއިރު، މީގެ ތެރޭގައި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އަލަށް ހުޅުވި 17 ބްރާންޗް ހިމެނެއެވެ. މިއީ ބޭންކިންގ ހިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކުގެ ހެއްކެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފުޅާވެފައިވާ ބޭންކުގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އަދި މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހޮދުމަތްތައް ފަސޭހަކަމާއެކު ލިބި، އެ ފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބީއެމްއެލްއިން މިހާރު ދަނީ ރާއްޖޭގެ 20 އަތޮޅެއްގައި 55 ބްރާންޗާއި، 340 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދެމުންނެވެ.













