ޖޫން މަހުގެ ފަހުކޮޅު ޔޫރަޕްގެ ހުޅަނގުގެ ޤައުމުތަކަށް ކުރިމަތިވި އާދަޔާޚިލާފު ހޫނުގަދަވުމުގެ (ހީޓްވޭވް) ސަބަބުން، އެ ބައްރުން 10،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވި ނުރައްކާ
މަރުވި މީހުންގެ ތެރެއިން 9،000 އަށްވުރެ ގިނަ މީހުންނަކީ އުމުރުން 65 އަހަރާއި އެއަށްވުރެ މަތީގެ މީހުންނެވެ. މިއީ ހޫނުގަދަވުމުގެ ސަބަބުން ދުވަސްވީ މީހުންނަށް އޮތް ނުރައްކާ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.
ސިއްހީ މާހިރުން ބުނާގޮތުގައި، އާދަޔާޚިލާފަށް ހޫނުގަދަވުމަކީ ހީޓް ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމެކެވެ. އަދި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށް މިކަމުގެ ސަބަބުން ބަލި އިތުރަށް ބޮޑުވެ، ފުރާނައަށް ނުރައްކާވެއެވެ.
ޔޫރަޕްގެ 27 ޤައުމެއްގެ މަރުގެ ރެކޯޑުތައް ބަލަހައްޓާ ’ޔޫރޯމޯމޯ‘ އިން ބުނިގޮތުގައި، މި މަރުތައް ރެކޯޑުކުރެވިފައިވަނީ ހޫނުމިން އެންމެ މައްޗަށް ދިޔަ ޖޫން 22 އާއި 28 އާ ދެމެދުގެ ހަފުތާގައެވެ.
މި ދުވަސްވަރު ޔޫރަޕްގައި އެހެން އެއްވެސް ބަލިމަޑުކަމެއް ނެތުމުން، މިހާ ގިނަ އަދަދެއްގެ މީހުން ކުއްލިއަކަށް މަރުވާންޖެހުނު ހަމައެކަނި ސަބަބަކީ މި ހޫނުގަދަވުން ކަމަށް މާހިރުން ކަށަވަރުކޮށްދެއެވެ. މި ހީޓްވޭވްގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ފްރާންސް އަދި ބެލްޖިއަމްއިންނެވެ.










