ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ދާދި ފަހުން ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރައްވައި، މަޖިލީހަށް ވަޑައިގެންނެވި އިދިކޮޅު އެމްޑީޕީގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) މަޖިލީހުގެ ޖަލްސާތަކުގައި ސުވާލުކުރައްވާއިރު އަދި ބަހުސްކުރައްވާއިރު ބޭނުންކުރައްވަނީ އައްޑޫ ބަހުރުވައެވެ. މިއީ އޭނާއަށް ދިވެހި ރަސްމީ ބަހުން ވާހަކަދައްކަވަން ނޭނގިގެން ކުރައްވާ ކަމެއް ނޫންކަން އޭނާގެ ސިޔާސީ މާޒީއަށް ބަލައިލުމުން ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. ސޯބެއަކީ 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް، ވިދިވިދިގެން 10 އަހަރު ދުވަހު އައްޑޫ ސިޓީގެ މޭޔަރުކަން ކުރެއްވި ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ.
އޭގެ ފަހުން ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ސަރުކާރުގެ އެކިއެކި ރަސްމީ ބައްދަލުވުންތަކުގައާއި، ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަދި އާންމު ޖަލްސާތަކުގައި ސޯބެ ވާހަކަދައްކަވާފައިވަނީ ވަރަށް ފަރިތަކަމާއެކު ސާފު ރަސްމީ ދިވެހި ބަހުންނެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ކުއްލިއަކަށް އައްޑޫ ބަހުރުވައިން ވާހަކަދައްކަވަން ފެއްޓެވުމަކީ، ރަސްމީ ބަހުން މުއާމަލާތްކުރަން ނޭނގިގެން ނުވަތަ އައްޑޫ ބަހަށް އޮތް ހާއްސަ ލޯތްބެއްގެ ސަބަބުން ކުރައްވާ ކަމަކަށްވުރެ ބޮޑަށް، ވަކި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކުރައްވާ ކަމެއްކަން ކަށަވަރުވެއެވެ. މިއީ ސީދާ މަޖިލީހުގެ ތަޅުމުގައި ތަފާތު މަންޒަރެއް ދައްކަވައިގެން މީޑިއާގެ ސަމާލުކަން ހޯދުމާއި، ސަރުކާރުގެ ވެރިންނަށް އުނދަގޫކުރުމަށް ރާވައިގެން ހިންގަވާ އަމަލެކެވެ. ސޯބެގެ މި ޢަމަލުތަކާހެދި މޭޔަރުކަމާއި ސްޓޭޓް މިނިސްޓަރުކަމުގައި އެނގުނު ބަސް، މަޖިލީހަށް ވަނުމުން ހަނދާން ނެތުނީތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ވަޒީރުންނަށް ޖަވާބުދެއްވަން ކުރިމަތިވާ އުނދަގޫތައް
މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާ ސުވާލުކުރެއްވުމުގެ ވަގުތަކީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް ލިބޭ އެންމެ މުހިންމު އެއް ފުރުސަތެވެ. ގާނޫނުއަސާސީން މަޖިލިސް މެންބަރުންނަށް މަތިކޮށްފައިވާ މި މުހިންމު ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި، ސޯބެ އައްޑޫ ބަހުރުވައިން ސުވާލުކުރައްވަން ފެއްޓެވުމުން ވަޒީރުންނަށް އެ ސުވާލުތައް ފަހުމްވުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ. މިކަމުގެ އެންމެ ސާފު އެއް މިސާލަކީ ދާދި ފަހުން ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ މަޖިލީހަށް ހާޒިރުކުރެއްވި ދުވަހު ހިނގައިދިޔަ ކަންތައްތަކެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލީގެ މީހުންނަށް ދޭ ބޭހާއި އިންޖެކްޝަން ނުލިބޭތީއާއި، އާ ހޮސްޕިޓަލް އެޅުމާ ގުޅޭގޮތުން ސޯބެ ސުވާލުކުރެއްވީ އައްޑޫ ބަހުރުވައިންނެވެ. މީގެ ޖަވާބުގައި މިނިސްޓަރު ގީލާ ވަނީ އޭނާއަކީ އައްޑޫ މީހަކަށް ނުވުމުން އެ ބަހުރުވަ އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ސުވާލު ރަނގަޅަށް ދޭހަވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ޖަވާބުދިނުމުގައި ދަތިތަކެއް ހުރެދާނެތީ، ސާފުވާނެ ގޮތަކަށް ސުވާލު ތަކުރާރުކޮށްދެއްވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. މިފަދަ ގޮތަކަށް އަމަލުކުރެއްވުމުން، ރައްޔިތުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހުރަސްއެޅި، މަޖިލީހުގެ އަގުހުރި ވަގުތުތައް ބޭކާރުވެގެންދެއެވެ.
ވަޒީރުންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ބޭފުޅުންނަށް ވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާއުޅޭ ހުރިހާ ބަހުރުވައެއް ވަޒީރުންނަށް އެނގިވަޑައިގަތުމަކީ ވާނެކަމެއް ނޫނެވެ. އަދި އާންމު ރައްޔިތުންނަށްވެސް ރާއްޖޭގެ ހުރިހާ ބަހުރުވަ އެނގޭކަށް ނުވެސް ޖެހެއެވެ. އެހެންކަމުން، ރަސްމީ ބަހުން ވާހަކަދެއްކެވުމުގެ ގާބިލުކަން ހުރެމެ، ގަސްދުގައި ނޭނގޭ ބަހުރުވައަކުން ސުވާލުކުރެއްވުމަކީ ޖަވާބުދެއްވަން ހުރަސްއެޅުމުގެ ގޮތުން ކުރައްވާ ކަމެކެވެ.
ސީދާ ޖެއްސުންކުރެއްވުމަށް ހިންގަވާ އަމަލެއް
މަޖިލީހުގައި ސޯބެ އައްޑޫ ބަހުރުވައިން ވާހަކަދައްކަވަނީ ސީދާ ވަޒީރުންނަށް ޖެއްސުންކުރެއްވުމުގެ ނިޔަތުގައިކަން އޭނާގެ އަމަލުތަކުންނާއި ބަސްމަގުން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. މިނިސްޓަރު ގީލާ ސުވާލު ސާފުނުވާކަމަށް ވިދާޅުވުމުން، ދެވަނަ ފަހަރަށް ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ސޯބެ ވަނީ މަލާމާތުގެ ރާގަކަށް ވާހަކަދައްކަވާފައެވެ. ރަސްމީ ބަހުން ސުވާލު ފައްޓަވާފައި ވަކި ހިސާބަކުން އަނެއްކާވެސް އައްޑޫ ބަހުރުވައަށް ބަދަލުކުރައްވައި، ”އަސްލު އެހެން ވާނޭ، މާލެއަށް އައިސް މާލޭ ބަސް ދަސްކުރަމުން މިދަނީ“ އޭ ވިދާޅުވެ ސޯބެ ވަނީ މަޖިލީހުގެ ތަޅުމުގައި ޖޯކު ޖައްސަވާފައެވެ.
މިއީ އެތައް އަހަރެއް ވަންދެން ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައި، ރަސް،މީ ދިވެހި ބަހުން ނުވަތަ އެ ވިދާޅުވާ (މާލެ ބަހުން) ފަރިތަކަމާއެކު މުއާމަލާތްކުރެއްވި ބޭފުޅަކު ވިދާޅުވާން އެކަށީގެންވާ ވާހަކައެއް ނޫނެވެ. އޭނާއަށް މާލޭ ބަސް ދަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މިތަނުގައި އަމުދުން މާލޭބަސް ކިޔާ ބަހެއް ނުވެސް އޮވެއެވެ. އެއީ ރަސްމީ ދިވެހި ބަހެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ފަހުމުވާނޭ އަހަރުމެންގެ ”މާދަރީ“ ބަހެވެ.
ސޯބެގެ މި އަމަލަކީ ވަޒީރުންނަށް ފުރައްސާރަކުރުމާއި، ސަރުކާރުގެ ވެރިންނަށް ޖަވާބުދާރީވުމަށް އުނދަގޫކުރުމަށް ހިންގަވާ ސިޔާސީ ކުޅިގަނޑެކެވެ. މީގެ ބޭނުމަކީ މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ޖެއްސުންކޮށް، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމެވެ. ސިޔާސީ ގޮތުން ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ގައުމީ މުއައްސަސާތަކުގައި މަސައްކަތްކުރައްވާއިރު ޒިންމާދާރުކަން އިސްކުރުމުގެ ބަދަލުގައި، މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ހިންގަވައިގެން ޖެއްސުންކުރެއްވުމަކީ މަޖިލީހުގެ ގަދަރާއި ހައިބަތަށް ވެސް އުނިކަން އަންނަ ކަމެކެވެ.
ރައްޔިތުންގެ މަންފާއަށްވުރެ ސިޔާސީ ޑްރާމާ އިސްކުރެއްވުން
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ސޯބެ މަޖިލީހަށް އިންތިހާބުކުރީ އެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ދާއިރާއަށް ބޭނުންވާ ތަރައްގީއާއި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށެވެ. އަދި ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވަޒީރުންނާ ސުވާލުކޮށް، ޖަވާބުދާރީ ކުރުވުމަށެވެ. ނަމަވެސް، މަޖިލީހުގައި ސޯބެގެ އަމަލުތައް ހުންނަ ގޮތުން ފެންނަނީ ރައްޔިތުންގެ ހަގީގީ މައްސަލަތަކަށް ހައްލު ހޯދުމަށްވުރެ ބޮޑަށް ސިޔާސީ ޑްރާމާ ކުޅުއްވުމަށް އިސްކަންދެއްވާ މަންޒަރެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ވަޒީރުންނަށް ސާފުކޮށް އޮޅުންފިލުވައިދީ، އެކަންކަމަށް ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވަޒީރުންނަށް ނޭނގޭ ބަހުރުވައަކުން ސުވާލުކުރައްވައިގެން ޖެއްސުންކުރެއްވުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެކެވެ.
އައްޑޫ ބަހުރުވައަކީ ދިވެހި ބަހުގެ މުއްސަނދިކަން އަންގައިދޭ މުހިންމު ބައެއްކަން ޔަގީނެވެ. ނަމަވެސް، ދައުލަތުގެ ރަސްމީ އިދާރާތަކުގައި މުއާމަލާތްކުރާއިރު އެންމެންނަށް ދޭހަވާ ރަސްމީ ދިވެހި ބަސް ބޭނުންކުރުމަކީ މުއާމަލާތްތައް ފަސޭހަކޮށްދީ، ކަންކަން އަވަހަށް ނިންމުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ސޯބެގެ މި އަމަލުތަކުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ސަރުކާރަކަށް ނޫނެވެ. އޭގެ އެންމެ ބޮޑު ގެއްލުމެއް ތަހައްމަލުކުރަންޖެހެނީ ސީދާ އައްޑޫ ސިޓީގެ ރައްޔިތުންނަށެވެ. އެހެންކަމުން، ސިޔާސީ ގޮތުން ޖެއްސުންކުރެއްވުމުގެ ނިޔަތުގައި ހިންގަވާ މިފަދަ އަމަލުތައް ހުއްޓާލައްވައި، ރައްޔިތުންގެ ހައްގުގައި އިޚްލާސްތެރިކަމާއެކު ރަސްމީ ބަހުން މުއާމަލާތްކުރައްވައިގެން މަސައްކަތްކުރެއްވުމަކީ މިއަދު ސޯބެގެ ކިބައިން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުމެވެ.
ބަހުރުވައިގެ ނިވާފަތްގަނޑުގައި ހުންނަވައިގެން ކުރާ ފުރައްސާރަ އާއި، ވަޒީރުން ޖަވާބުދާރީކުރުވަން ހުރަސް އެޅުން ހުއްޓާލަން އެބަ ޖެހެއެވެ. އަދި ރައްޔިތުންގެ މަޖްލީހުގައި ސާފު ދިވެހި ބަހުން ހުރިހާ ރައްޔިތުންނަށް ސާފުވާނޭހެން މުޢާމަލާތްކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.




