ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އިމާރާތްކޮށްފައިވާ ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކުން އެތަން ތަން ކުއްޔަށް ދެމުންދާތީ، އެއްބަސްވުމާއި ހިލާފަ އަމަލު ނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންގައިފިއެވެ.
ސިފްކޯ ފްލެޓްތައް ލިބިފައިވާ ބައެއް ފަރާތްތަކުން އެތަންތަން ކުއްޔަށް ދެމުންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ ފްލެޓްތަކުގެ އެއްބަސްވުމުގައިވާ ގޮތުން އެތަން ކުއްޔަށް ދުލެއް ނުކުރެވެއެވެ.
އެއްބަސްވުމާ ޚިލާފަށް އެކަން ކުރަމުންދާ ފަރާތްތަކަށް އެގޮތަށް ޢަމަލު ނުކުރުމަށް އަންގާ އިންޒާރު ދީފައިވާކަމަށާއި، މިހާތަނަށް އަދި އެއްވެސް ފްލެޓެއް އަތުލާފައި ނުވާކަމަށް އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި 2013 ވަނަ އަހަރު ފެށި ”ސިފްކޯ ހިޔާ“ މަޝްރޫއުއަކީ، ޖުމްލަ 691 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއުއެކެވެ. އެއީ ”ސިފްކޯ ހިޔާ“ގައި ހިމެނޭ، 330 ފްލެޓާއި، ”ޕޮލްކޯ“ 361 ހައުސިން ޔުނިޓެވެ. މިއީ ފެންވަރު ރަނގަޅުކޮށް ތަރައްގީ ކޮށްފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1100 އަކަފޫޓުގެ ޖާގަ ހުރެއެވެ.












