ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ އާއިލާއަށް އިހުތިރާމު އަދާކުރައްވައި ތައުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މި ދަތުރުފުޅުގައި ޤަޠަރުގެ އަމީރު ވަނީ ރައީސް މުޢިއްޒުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އުހުއްއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމު ދެ ގައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގުޅުމަށް ދިވެހިރާއްޖެއިން ދޭ ހާއްސަ އަހަންމިއްޔަތުކަން ރަމްޒުކޮށްދެއެވެ.
ޤަޠަރުގެ ކުރީގެ އަމީރު ވަނީ ރާއްޖެއަށް ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައެވެ. މީގެ ތެރޭގައި، ޤަޠަރު އެއަރވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެއެވެ. ޤަޠަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ، 2005 ވަނަ އަހަރު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ. އެއަށްފަހު، ޤަޠަރަކީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ.












