އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީއެންސީން ވަކިވުމަށް ފަހު، އަލުން މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކެންޑިޑޭޓުންގެ ގާނޫނުއަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެ ޕީއެންސީއާ ގުޅުނު ހަ މެންބަރުންގެ އެއްވެސް ޝަރުތެއް އުންޏެއް ނުވާކަމަށެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނާވެސް ހިލާފު ނުވާކަމަށާއި އެންޓި ޑިފެކްޝަން ގާނޫނުގެ 3 ވަނަ މާއްދާގައި ބުނާ ފަދައިން 20 ވަނަ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެފައިވާ ކޮންމެ މެންބަރަކަށްވެސް މެއި 28، 2024 ގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް މިފަދައިން ވިދާޅުވީ އްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި އިތުރު ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގަތުމާއި ގުޅިގެންނެވެ.
އެ ޕާޓީއާ ގުޅުނު ހަ މެމްބަރުންނަކީ ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް, މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު, މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު, ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް, ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒްއެވެ.