ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅުން މަޖިލިސް މެންބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މޭ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 20 ވަނަ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ބޭފުޅުން މެންބަރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުންދާކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މިދައުރު ހިނގާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހުކަމަށެވެ.
އިލެކްޝަންސް ކޮމިޝަން އިން އާންމުކޮށްފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީ އަށް 66 ގޮނޑި ލިބިފައިވާއިރު އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 12ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ.