އޯޓިޒަމް އާއި ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅޭ ތަފާތު ބަލިތައް ދެނެގަތުމާ ގުޅޭ ރާއްޖޭގެ ފުރަތަމަ ހާއްސަ ޑޮކްޓަރު، ޑރ. އައިމިނަތު ފަޒްނާ މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އުމުރުން 47 އަހަރުގައި ޑރ. ފަޒްނާ ނިޔާވީ އައިޖީއެމްއެޗުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޑރ. އައިމިނަތު ފަޒްނާއަކީ އޯޓިޒަމާއި، އޭޑީއެޗްޑީގެ އިތުރުން ކުޑަކުދިންގެ ހެދިބޮޑުވުމުގައި ދިމާވާ އެކި ކަހަލަ އުނދަގޫތައް (ޑިވެލޮޕްމަންޓަލް ޑިސްއޯޑާސް) ދެނެގަތުމަށް ބޭނުންވާ ފުރިހަމަ ޑައިގްނޯސްޓިކް އެސެސްމަންޓްތައް ހެދުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ، ރާއްޖޭގައި ތިއްބެވި މަދު ފަންނީ މާހިރުުންގެ ތެރެއިން އެއް ޑޮކްޓަރެވެ. އެކަމަނާ މިދާއިރާއިން ތައުލީމް ހާސިލުކުރެއްވީ ނެޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިއާ އާއި އެމެރިކާގެ މަޝްހޫރު ޔުނިވަސިޓީ އޮފް ކެލިފޯނިއާއިންނެވެ.
ތައުލީމީ ދާއިރާ ނިންމެވުމަށްފަހު، ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަންގެ ގޮތުގައި ޑރ. ފަޒްނާ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
ޑރ. ފަޒްނާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.













