މެދުއިރުމަތީގެ ހަނގުރާމައިގެ މަސްރަޙަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ގެނައުމުގެ ގޮތުން، އިޒްރޭލާއި ލުބުނާނާ ދެމެދު މަތީ ފެންވަރުގެ ސަފީރުންގެ ބައްދަލުވުމެއް އިޓަލީގެ ރޯމްގައި ބޭއްވުމަށް ނިންމައިފިއެވެ. މި މަހުގެ 15 އަދި 16 ގައި ބާއްވާ މި ސަމިޓުގެ މައިގަނޑު ބޭނުމަކީ، އެމެރިކާ މެދުވެރިވެގެން މިދިޔަ މަހު އެކުލަވާލި ވަގުތީ ސުލްޙައިގެ އެއްބަސްވުން ދާއިމީ އެއްބަސްވުމަކަށް ބަދަލުކޮށް، ދެ ޤައުމުގެ ބޯޑަރު ކަނޑައެޅުމެވެ.
މަޝްވަރާތަކުގެ މުހިންމު ނުކުތާތައް
ރޯމްގައި ބާއްވާ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެ ޤައުމުގެ ދެމެދުގައިވާ އެއްގަމާއި ކަނޑުގެ ބޯޑަރުތައް ރަސްމީކޮށް ކަނޑައެޅުމަށާއި، ދެފަރާތުގެ ސިފައިން ހަތިޔާރާއެކު ނުތިބޭނެ (ޑީމިލިޓަރައިޒް) ސަރަޙައްދުތަކެއް ކަނޑައެޅުމަށެވެ.
މަޝްވަރާތަކުގެ ކުރިން ލުބުނާނަށް އިތުބާރު ހޯދައިދިނުމުގެ ގޮތުން، އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރ ވަނީ، ”ލުބުނާނުގެ އެއްވެސް ބިމަކަށް އިޒްރޭލުން ދަހިވެތި ނުވާ“ ކަމަށް ފާޅުގައި ބުނެފައެވެ. މިއީ ލުބުނާނުގެ ދެކުނު ސަރަޙައްދުތައް އިޒްރޭލުން ދާއިމީކޮށް ހިފަހައްޓަފާނެކަމަށް އޮތް ބިރުވެރިކަން ކުޑަކުރުމަށް ދިން ޔަޤީންކަމެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، އެމެރިކާއިން ބޭނުންވަނީ ލުބުނާނާއެކު ވަކިން ސުލްޙަވެ، ޣައްޒާގެ މައްސަލައާއި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ލުބުނާނުގެ ހަނގުރާމަ ގުޅުވުން ހުއްޓުވުމަށެވެ.













