Sunday, 26 July 2026
Ads by

ޙަޤީޤީ ނުކުޅެދުންތެރިކަމަކީ އެއީއެވެ!

ޙަޤީޤީ ނުކުޅެދުންތެރިކަމަކީ އެއީއެވެ!

އަޅުގަނޑުމެން މުސްލިމުންނަކީ އަޅުގަނޑުމެންނާ މެދު ޙަސަދަ ލައި ދެރަދޭން ބޭނުންވާ ދުޝްމަނުންތަކެއްވާ ބައެއްކަން ކީރިތި ޤުރްއާނުގައި މާތް ﷲ ވަރަށް ޞަރީޙަ ބަސްފުޅުން ޚަބަރު ދެއްވާފައިވާ ބައެކެވެ.

Ad Image
Ads by

އެކަލާނގެ ބަޤަރާ ސޫރަތުގެ 109 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

﴿وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ…﴾‏

މާނައީ: ”ފޮތުގެ أهل ވެރިންގެ ތެރެއިން ގިނަ މީހުން، އެއުރެންނަށް حق ބަޔާންވެ އެނގުމަށް ފަހުގައި، އެއުރެން އަމިއްލައަށް حسد ވެރިވެގެން، ތިޔަބައިމީހުން إيمان ވުމަށްފަހު އަލުން އަނބުރާ كافر ކަމަށް رجوع ކުރެވޭނެ ނަމައޭ ހިތައި އެކަމަށް އެދުނެވެ. …“

ކަންމިހެން އޮތް އިރު، އަޅުގަނޑުމެންނަކީ އެކުވެރި އެއް ބައެއްގެ ގޮތުގައި ތިބެންޖެހޭ ބައެއްކަން ބުއްދީގެ ނަޒަރުން އެކަނި ވިސްނާލިޔަސް އެނގެއެވެ. އެހެނީ، އެކުވެރިކަމެއް އެއްބައެއްވަންތަ ކަމެއް ނެތް ބަޔަކީ، އެ ބައެއްގެ ކުރިމަގެއް، މުސްތަޤްބަލެއް ނެތް ބައެކެވެ.

ޙަޤީޤަތަކީ އެއީ ކަމުގައި ވިޔަސް، އަޅުގަނޑުމެން ދިވެހިންގެ މެދުގައި، ކުރިއާ ޚިލާފަށް ވަރަށް ވެސް ނޭދެވޭ ސިފަތަކެއް އަށަގަންނަމުން ދާ ތަން އެބަ ފެނެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ޙަސަދައާއި ނުނިޔަތް ލުމެކޭ އެއް ފަދައިން، ތިމާގެ އަތުގައި ނެތް ނިޢުމަތެއް އަނެކުންގެ އަތުގައި އޮތުމަކީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ”ހަޖަމުކުރެވޭ“ ކަމެއް ކަމުގައެއް ނުވެއެވެ. އެއީ، އިންސާނާގެ ޠަބީޢަތުގައި ކޮންމެވެސް މިންވަރަކަށް ހުރެދާނެ ޞިފައެއް ކަމަކު، މުސްލިމެއްގެ ޙައިޘިއްޔަތުން އެ ހުންނަނީ، ދުރުހެލިވާން ޖެހޭ، އަދި އެއާ މެދު ބިރުވެތިވާން ވެސް ޖެހޭ ބިރުވެރި ޞިފަތަކެވެ.

ކޮންމެއަކަސް، އިހަކަށް ދުވަހު މީސްމީޑިއާއިން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި މިވަނީ، ޙަސަދަވެރި ކަމުގެ ނުބައި ޞިފައަށް ވުރެ، މާ ޚުޠޫރަތްތެރި، މާ ފަނާކުރަނިވި ޞިފައެއް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މޫލާފައިވާ މަންޒަރެވެ. އެ ޞިފައަކީ ބުއްދީގެ ތަރާދުން ކިރިޔަސް އޭގައި އެއްވެސް ”ލޮޖިކެއް“ ނެތް ސަބަބެއްގެ މައްޗަށް ބިނާވެފައިވާ ޞިފައެވެ.

ޙަސަދަވެރިކަމަކީ، އަނެކާއަށް ލިބޭ ނިޢުމަތެއް، ނުވަތަ މަތިވެރިކަމެއް، ތިމާގެ ހިތުގައި އުފެދޭ ހިތްދަތި ކަމުގެ ސަބަބުން އުފެދޭ ޝުޢޫރެއްގެ މައްޗަށް ބިނާވެގެން އަންނަ ނަތީޖާއެއް ކަމުގައި ވިޔަސް، ”މި ދެންނެވި“ ޞިފައަކީ އެއާ މުޅިން ޚިލާފު، ދިމާ އިދިކޮޅު ޙާލަތެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ޞިފައެވެ. އެއީ، ތިމާއަށް ލިބިފައިވާ ނިޢުމަތެއް، ނުވަތަ މަތިވެރިކަމެއް، އަނެކާއަށް ނުލިބުމާ ގުޅިގެން އަންނަ ޞިފައެކެވެ.

އަނެކުންގެ ކިބައިގައި ހުންނަ އުނި ކަމެއް ނުވަތަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އޭނާއަށް އިހާނެތިކޮށް ހިތައި، ދިމާކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ، ބޮޑު ޖަރީމާއެކެވެ. އެއީ އެކަމާ މެދުގައި ޤުރްއާނުގެ އާޔަތްތަކާއި ނަބަވީ ޙަދީޘްތަކުގައި ތަރުކާރުކޮށް ވަޢީދުގެ ބަސްފުޅު އައިސްފައިވާ ފާފައެކެވެ.

ރަސޫލާ r ޙަދީޘް ކުރައްވައިފައި ވެއެވެ. ”سِبابُ المُسلِمِ فُسوقٌ… “ (البخاري ومسلم (

މާނައީ: ”މުސްލިމަކަށް ފުރައްސާރަ ކުރުމަކީ ފިސްޤެކެވެ“. އެބަހީ: ބޮޑު ފާފައެކެވެ.

އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ.

قال رسول الله r: ”أتَدْرُونَ ما المُفْلِسُ. قالوا: المُفْلِسُ فِينا مَن لا دِرْهَمَ له ولا مَتاعَ. فقالَ: إنَّ المُفْلِسَ مِن أُمَّتي مَن يَأْتي يَومَ القِيَامَةِ بصَلاةٍ. وصِيامٍ. وزَكَاةٍ. ويَأْتي قدْ شَتَمَ هذا. وقَذَفَ هذا. وأَكَلَ مالَ هذا. وسَفَكَ دَمَ هذا. وضَرَبَ هذا. فيُعْطَى هذا مِن حَسَناتِهِ. وهذا مِن حَسَناتِهِ. فإنْ فَنِيَتْ حَسَناتُهُ قَبْلَ أنْ يُقْضَى ما عليه أُخِذَ مِن خَطاياهمْ فَطُرِحَتْ عليه. ثُمَّ طُرِحَ في النَّارِ“  (رواه مسلم).

މާނައީ: ރަސޫލު ﷲ r ޙަދީޘް ކުރެއްވިއެވެ: ”ބަނގުރޫޓު ވެފައިވާ މީހަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟“ ދެންނެވުނެވެ: ”ތިމަންމެންގެ ތެރެއިން ބަނގުރޫޓުވެފައިވާ މީހަކީ، ދިރުހަމެއް، ސާމާނެއް ނެތް މީހާއެވެ“. ޙަދީޘް ކުރެއްވިއެވެ: ”ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ބަނގުރޫޓުވެފައިވާ މީހާއަކީ، ޤިޔާމަތް ދުވަހުން ނަމާދާއި ރޯދައާއި ޒަކާތާއިގެން އަންނަ މީހާއެވެ. ނަމަވެސް، އޭނާވަނީ އެވެނި މީހަކަށް ފުރައްސާރަ ކޮށްފައެވެ. މިއަދި މިވެނި މީހަކަށް ޤަޛުފު ކޮށްފައެވެ. އަދި އެވެނި މީހެއްގެ މުދާ ކައިފައެވެ. އަދި އެވެނި މީހެއްގެ ލޭ އޮހޮރާފައެވެ. އަދި މިވެނި މީހެއްގެ ގައިގައި ޖަހާފައެވެ. ފަހެ، އެ ދުވަހުން އެމީހާއަށް ހެޔޮ ކަންކަމުން ނަގައި، އެނާ އަނިޔާވެރިވެފައިވާ މީހުންނަށް ބަހައިލެވޭނެއެވެ. އަދި ޢަދުލު އިންޞާފު ހޯދައިދެވުމުގެ ކުރިން އޭނާގެ ހެޔޮ ކަންކަން ހުސްވެއްޖެ ނަމަ، އަނެކާގެ ފާފަތަކުން ނަގައި، އޭނާއަށް ދެވޭނެއެވެ. އެއަށްފަހު، އޭނާ ނަރަކައިގެން އަލިފާންގަނޑަށް އެއްލައިލެވޭނެއެވެ“.

ފުރަތަމަ ޙަދީޘްގައި އެވަނީ އަނެކުންނަށް ފުރައްސާރަ ކުރުމުގެ ނުބައިކަން ބަޔާންކުރައްވާފައެވެ. އަދި ދެވަނަ ޙަދީޘްގައި އެވަނީ އެފަދަ ކަންކަން ކުރާ މީހުންނަށް ހުރި ނުބައިވެގެންވާ ނިމުމުގެ ވާހަކައެވެ. ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ހިފައިގެން ޤިޔާމަތް ދުވަހުން އަޔަސް، އަނެކުންނަށް ކުރާ ގޯނާއާއި ދޭ ގެއްލުމުގެ ސަބަބުން އެމީހާ ޖަހަންނަމައިގެ އަލިފާނަށް އެއްލާލެވޭނެ ކަމުގެ ކިބުވެރި ވާހަކައެވެ.

މި ޞިފައަކީ ބޮޑާ ކަމުގެ ޞިފައިގެން ތެރެއިން ކުރިލައި ހެދިގެން އަންނަ ހުތުރު ޞިފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ރަސޫލު ﷲ r ޙަދީޘްކުރައްވާފައިވެއެވެ: ”…الكِبْر: بطر الحق. وغَمْط الناس“ (رواه مسلم).

މާނައީ: ”… ކިބުރުވެރިކަމަކީ، ޙައްޤަށް ފުރަގަސް ދިނުމާއި، މީސްތަކުންނާ ނިކަމެތިކޮށްލުމެވެ“.

ވަރަށް ގިނަ ފަހަރު، ބޮޑާކަމާއެކު އަނެކުންނަށް އިހާނެތިކޮށް ހިތާ މީހުންނަށް ވުރެ އިހާނެތިކޮށް ހިތޭ މީހުން، މާތް ﷲ ގެ ޙަޟްރަތުގައާއި އަދި މީސްތަކުންގެ ކުރިމަތީގައި މާ މަތިވެރިވެ ޤަދަރު އުފުލިގެން ވެއެވެ. އަދި މީސްތަކުންގެ ހަމްދަރުދީއާއި ކުލުނު އެމީހުންގެ މައްޗަށް ތަނަވަސްވެގެން ވެއެވެ.

މުސްލިމުންނަކީ އަނެކުންނަށް މަލާމާތް ކޮށްގެން ވާނެ ބައެއް ނޫންކަން ބަޔާން ކުރައްވައި މާތް ﷲ ކީރިތި ޤުރްއާނުގެ ޙުޖުރާތު ސޫރަތުގައި އަންގަވާފައި ވަނީ މިފަދައިންނެވެ.

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا أَنفُسَكُمْ وَلَا تَنَابَزُوا بِٱلْأَلْقَٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ ۚ وَمَن لَّمْ يَتُبْ فَأُولَٰٓئِكَ هُمُ ٱلظَّٰلِمُونَ﴾

މާނައީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ“.

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ސަލާމަތް ޞިއްޙަތެއްގައި ހުރި ފުރިހަމަ މީހަކަށް ގެއްލުން ދިނުމަށް ވުރެ، ނިކަމެތި ބަލި މީހަކަށް ދޭ ގެއްލުމުގެ ފާފަ ބޮޑުވެގެންވެއެވެ. އެގޮތުން ފިރިހެނުން އަންހެންނަށް ކުރާ އަނިޔާއާއި، ނުކުޅެދޭ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ ގެއްލުމާއި، ކުރާ ފުރައްސާރައިގެ ފާފަ ބޮޑުވެގެންވެއެވެ. އެއީ، އެފަދަ މީހުންނަކީ އަނެކުންގެ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުން ކަމުގައި ވާ ޙާލު، އެމީހުންނަށް އެހީތެރިވުމުގެ ވާޖިބު ދެންތިބީންގެ ކޮނޑުއެޅިފައި ވެތިބެމެ، އެ ވާޖިބު އަދާ ކުރުމުގެ ބަދަލުގައި، އެ ނިކަމެތި އަޚުންނާއި އުޚްތުންނަށް އަނިޔާވެރިކަން ދައްކައި ދިމާކޮށް ހަދައި ތުރާ ޖެއްސުމަކީ، އެބައިމީހުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބު އަދާ ނުކުރުމުގެ ފާފައިގެން އިތުރުން އަނިޔާވެރިކަން އިސްކުރުމުގެ ފާފަ އުފުލަން ޖެހޭނެތީއެވެ.

މި މައްސަލައިގެ ބިރުވެރިކަން އިތުރަށް ބޮޑުވެގެންދާ އަނެއް ކަމަކީ، އަނެކުންނަށް މަލާމާތްކުރާ މީހުން، ވަރަށް ގިނަ ފަހަރު އެ މަލާމާތް ކުރެވުނު މީހާގެ ޙާލަތަށް ވުރެ ނިކަމެތި، ނުވަތަ ބަލި ޙާލަތަކަށް ވެއްޓިގެންދާ މަންޒަރު ދުނިޔެ މަތިން ފެންނަކަމެވެ. ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އެ ޙާލަތާ އެފަދަ މީހުން ކުރިމަތި ލާންޖެހޭކަމީ ޢާންމު ކަމެކެވެ. އެގޮތުން މިސާލަކަށް، މީހަކަށް ދެރަ ގޮތެއް ކުރިމަތިވުމުން، ނުވަތަ މީހެއްގެ ދަރިއަކު ނުކުޅެދޭ ކުއްޖަކަށް ވުމުން އެކަމާ މަލާމާތްކޮށް ދިމާކުރާ މީހާ، މާދަމާ ނުވަތަ އޭގެ ދުވަސްތަކެއް، އަހަރުތަކެއް ފަހު، ހަމަ އެޙާލުގައި ނުވަތަ އެއަށް ވުރެ ނިކަމެތި ޙާލުގައި އުޅެން ޖެހިދެއެވެ. އަދި ބައެއް ފަހަރު، އެމީހަކަށް ލިބޭ ދަރިންނަކީ، ކުރިން މަލާމާތް ކުރެވުނު މީހާގެ ދަރިފުޅަށް ވުރެ ނުކުޅެދުންތެރިކަން ބޮޑު ކުއްޖެ ކަމުގައި ވެގެން ދެއެވެ. އެއްބައި ފަހަރު، އެމީހާއަށް އެފަދަ ނިކަމެތި އެތައް ކުދިންނެއް ލިބިގެންދާ ފަހަރުވެސް އާދެއެވެ.

ކަންމިހެން ހުރިއިރު، ދުނިޔެ ދައްކާ މިފަދަ ޙަޤީޤަތްތަކަކީ، އަޅުގަނޑުމެން އެއިން ޢިބުރަތް ޙާޞިލުކުރަން ޖެހޭ ބޮޑެތި ފިލާވަޅެވެ. ތިމާއާއި ތިމާގެ ދަރިންގެ ރައްކަލަކަށް ނަމަވެސް މިކަންކަމުން ޢިބުރަތް ޙާޞިލުކުރަން ޖެހެއެވެ. އަނެކުން ކުރި ކުށަކާ ނުލައި މާތް ﷲ ޖައްސަވާ ބޮޑެތި އިމްތިޙާނުތަކާ ގުޅުވައިގެން މަލާމާތް ކުރުމަކީ ކިހާ ނުބައި ކަމެއްކަން ދެނެގަންނަން ޖެހެއެވެ.

ހިތާމައަކީ އެފަދަ ފަރާތްތަކަށް މަލާމާތްކުރުމާއި، އެކަހެރިކުރުމާއި، ފުރައްސާރަކުރުން ފަދަ ޢަމަލުތައް ދިވެހި މުޖުތަމަޢުގައި ދުވަހެއް ދުވަހެއް ގިނަވެގެން އަންނަ ކަމެވެ. މިފަދަ ކަންކަން ފެތުރި އާލާވެގެން ދާ މައިގަނޑު އެއް ސަބަބަކީ، އެކަންކަމާ މެދު ދީނީ ގޮތުން އޮންނަ ވަޢީދުގެ ބަސްފުޅުތަކުގެ ވާހަކަތަކުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ނުވެއްދޭތީއެވެ. އަދި އެކަންކަމާ މެދު ފާޅުގައި ދެކޮޅުހަދައި އިންކާރުކުރަން މީހުން ފަސްޖެހޭތީއެވެ.

މިހާ ހިސާބުން ސުވާލުކޮށްކަން ޖެހެނީ، މުޖްތަމަޢުގައި ފެތުރެމުން ދާ މި ނޭދެވޭ އަޚްލާޤިއްޔަތު ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ނުޖެހޭބާއޭ ކޮންމެ މީހަކު އަމިއްލަ ނަފުސާ ސުވާލުކޮށްލަން ނުވޭބާއެވެ؟ އަނެކުންނަށް ފުރައްސާރަކުރާ ތަން ފެންނަ ހިނދު، އެކަމާ އަޅައިނުލުން، ނުވަތަ ހިތްވަރު ދިނުމުގެ ބަދަލުގައި، އެކަން ހުއްޓުވަން ހިތްވަރުލާން ނުވޭބާއެވެ؟ މިއަދު މި މުޖްތަމަޢު ބެހިގެން މިދާ ޙާލުގައި އަޅުގަނޑުމެންގެ ދަރީންނާއި ކާފަދަރީންނާ ބައްދަލުކުރަން ހަމަ ދޫކޮށްލައިގެން ތިބެން ވީހެއްޔެވެ؟

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި