މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް (ޕޭ ފްރޭމްވޯކް) ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެ އޮނިގަނޑު ރިވިއުކޮށް މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިން ކަމަށްވާތީ، އެބޭފުޅުންނަށް ހައްގުވާ މުސާރައާއި އިނާޔަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބެންޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ޕޭ ފްރޭމްވޯކް އެކުލަވާލާފައިވާ ގޮތުން މުދައްރިސުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މިކަންކަން ދެނެގަތުމަށްޓަކައި މާލެއާއި އަތޮޅުތެރޭގެ 15 އަތޮޅެއްގެ ގިނަ ސްކޫލްތަކެއްގެ މުދައްރިސުންނާ ސީދާ ބައްދަލުކުރައްވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕޭ ފްރޭމްވޯކްގައި ހުރި ފަންނީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަފީޢު ވިދާޅުވީ، ކުރީގެ އެމްޑީޕީ ސަރުކާރުން މި އޮނިގަނޑު އެކުލަވާލިއިރު އެންމެ ބޮޑު ގޯހެއް ހަދާފައިވަނީ ޑިގްރީ ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދިނުމުގައި ކަމަށެވެ. މިގޮތުން މާސްޓާސް އާއި ޑިގްރީއާ ދެމެދު ހަތަރު އަހަރުގެ ގޭޕެއް ނުވަތަ މުއްދަތެއް ކަނޑައަޅާފައި އޮތުމަކީ ރާއްޖޭގައި މީގެ ކުރިން މިކަން އޮތް ގޮތެއް ނޫން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރު އޮތް އޮނިގަނޑުގެ ތެރެއިން ސްޓެޕް ޕްރޮމޯޝަންތައް ދީފައިވާއިރު، މިހާރު ނުކުންނަ ނަތީޖާއަކީ ޑިގްރީއާއެކު ސްޓެޕް ޕްރޮމޯޝަން ލިބިފައި ހުރި މުދައްރިސަކު މާސްޓާސް ޑިގްރީ ހާސިލުކޮށްގެން އެ ހަރުފަތަށް ބަދަލުވުމުން، ކުރިން ލިބުނު މުސާރައަށްވުރެ މުސާރަ ދަށްވުން ކަމަށެވެ.
”މިހާރު ނުކުންނަ ނަތީޖާއަކީ މާސްޓަރ ޑިގްރީ ހަދާފައި ހުރި މުދައްރިސެއް، އެބޭފުޅާ އަތުގައި އޮތް ޑިގްރީއާ އެކުގައި ސްޓެޕް ޕްރޮމޯޝަން ލިބުނީމާ، އެ މުދައްރިސު މާސްޓަރ ޑިގްރީގެ ގޮޅިއަށް ދިޔާމަ މުސާރަ ދަށަށް މިވަނީ. އެހެންވީމާ އެކަން ހައްލުކޮށްގެން މެނުވީ އަޅުގަނޑުމެންނަކަށް މުދައްރިސުން އެ ގޮޅިއަށް ޓްރާންސްފަރއެއް ނުކުރެވޭނެ،“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިއީ ވަކި ބަޔަކަށް އިނގިލި ދިއްކުރަން ކުރާ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިއީ ޕޭ ފްރޭމްވޯކް އެކުލަވާލިއިރު ކުރިއަށް ވިސްނާނުލާ ކަންކަން ކޮށްފައި އޮތުމުން ދިމާވި މައްސަލައެއް ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ލަފަޔާއެކު އޮނިގަނޑު ރިވިއުކޮށް، މުދައްރިސުންނަށް ހައްގުވާ މިންވަރު ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ މިއަދު ވަނީ ދެއްވާފައެވެ.













