Sunday, 26 July 2026

Ads by

ފަތުވާ: ބަންގި ގޮވުމާއި އެކު ވިޔަފާރި ކުރުމުގެ ޙަރާމް ކަމާއި އޭގެ އަޑު އިވޭ ކޮންމެ ކުޅަދާނަ މީހެއްގެ މައްޗަށް އެއަށް ޢިޖާބަ ދިނުމުގެ ވާޖިބިއްޔަތު

ނަމާދުގަޑިއަށް ފިހާރަ ބަންދު ކޮށްފައިވާކަން ހާމަކޮށްދޭ ބޯޑުތަކެއް ފިހާރަތަކެއްގެ ބޭރުގައި ހަރުކޮށްފައިވާ ތަން ދައްކައިދޭ ފޮޓޯ ކޮލާޖެއް.

ﷲ – عز وجل – ވަހީކުރައްވާފައިވެއެވެ:

{يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نُودِيَ لِلصَّلَوٰةِ مِن يَوۡمِ ٱلۡجُمُعَةِ فَٱسۡعَوۡاْ إِلَىٰ ذِكۡرِ ٱللَّهِ [وَذَرُواْ ٱلۡبَيۡعَۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ]} [الجمعة:٩]
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! [އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.

އަދި ﷲ – عز وجل – ގެ ވަހީބަސްފުޅު {إِذَا نُودِيَ لِلصَّلَوٰةِ مِن يَوۡمِ ٱلۡجُمُعَةِ} (ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު) ގެ މުރާދަކީ ދެވަނަ ބަންގިއެވެ. އަދި ދެވަނަ ބަންގިއަށްފަހު ވިޔަފާރިކުރުން (ގަނެވިއްކުން) ޙަރާމްވެގެންވާކަމަށް ޢިލްމުވެރިން އިޖުމާޢުވެ ވަޑައިގެންފައިވެއެވެ. ނަމަވެސް (ވިޔަފާރި ޢަޤުދެއް ހިނގައިފި ނަމަ) އެ ވިޔަފާރި ސައްޙަވާނެތޯ ނުވަތަ އެއީ ބާޠިލް (ފާސިދު) ވިޔަފާރިއެއްތޯ މިއާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.

ފަހެ، ވިޔަފާރި ފާސިދުވާނެކަމަށް ވިދާޅުވި ޢިލްމުވެރިން ވިދާޅުވަނީ: އެހެނީ (އެކަމުން) ނަހީކުރެއްވުން ލާޒިމުކުރަނީ ފާސިދުވުމެވެ. އަދި ވިޔަފާރި ސައްޙަވާނެކަމަށް ވިދާޅުވި ޢިލްމުވެރިންވެސް، އެއީ ޙަރާމްކަމެއް ކަމާމެދު ޚިލާފެއް ނުވެއެވެ.

އަދި ﷲ – عز وجل – ގެ ވަހީބަސްފުޅު {فَاسْعَوْا إِلَى ذِكْرِ اللَّهِ} ((اللَّه ހަނދުމަކުރުމަށް ތިޔަބައިމީހުން ހިނގައިގަންނާށެވެ!)) ގެ މުރާދަކީ: ޚުޠުބާ އަޑުއެހުމަށާއި، ޛިކުރު އަޑުއެހުމަށް އަވަސްވެގަންނާށެވެ.

ދެންފަހެ ހުކުރު ދުވަހު ދެވަނަ ބަންގި ގޮވުމުގެ ކުރިން އަދި ނަމާދު ވަޤުތު ވަނުމުގެ ކުރިން (އެބަހީ: ނަމާދު ފެށުމުގެ ކުރިން) މިއީ (އެބަހީ: ވިޔަފާރި ހުއްޓައިލުމީ) ވާޖިބެއް ކަމުގައިވާނަމަ، ފަހެ، އެހެނިހެން ނަމާދުތަކަށް ބަންގި ގޮވުމުންވެސް މިއީ ވާޖިބު ވެގެންވާ ކަމެކެވެ. އެހެނީ ކަށަވަރުންވެސް އިންސާނާ އިމާމާއާއެކު ބައިވެރިވެ ނަމާދުތައް އަދާކުރަންޖެހޭ ހިނދުގައި ޤަސްތުގައި ރަކުޢަތެއް ދޫކޮށްލައިފިނަމަ އޭނާ ފާފަވެރިވާނެތީއެވެ. އަދި ﷲ – عز وجل – ގެ މި ވަހީބަސްފުޅުގެ ތެރެއަށް އޭނާ ވަންނާނެތީއެވެ: {فَوَيۡلٞ لِّلۡمُصَلِّينَ * الَّذِينَ هُمْ عَنْ صَلاتِهِمْ سَاهُونَ} [الماعون: ٤-٥] (ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.)

(ނޯޓް: ބަކުރުބޭ ވިދާޅުވިއެވެ: އެއީ شَرْعِى ޢުޒުރެއްނެތި ވަގުތު ލަސްކޮށްފައިގޮސް ނަމާދު ކުރާމީހުން ކަމުގައި ބެލެވެއެވެ. ނުވަތަ އެއީ މުނާފިޤުން ކުރާގޮތަށް ނަމާދުކުރާމީހުންނެވެ. އެއީ މީހުން ބަލަންތިބިއްޔާ ގޮސް ނަމާދު ކޮށްފައި މީހުން ބަލަންނެތިއްޔާ ނަމާދު ނުކުރާމީހުން ކަމުގައި ބުނެވުނެވެ.)

މީގެ ދަށުން: ބަންގިގޮވުމުން ފިހާރަތަކުގެ ވެރިން އެމީހުންގެ ފިހާރަތައް ބަންދުކުރުން ވާޖިބުވެގެންވެއެވެ. ނަމަވެސް މީގެ މުރާދަކީ ކޮންމެހެން ފިހާރަ ބަންދުކުރުމެއް (އެބަހީ: ދޮރު ލެއްޕުމެއް) ނޫނެވެ. ދޮރުމަތީގައި އެއްޗެއް ބެހެއްޓިޔަސް، މުރާދަކީ ފިހާރަ ބަންދުކުރިޔަސް ނުވަތަ ބަންދު ނުކުރިޔަސް ވިޔަފާރިކުރުން ހުއްޓާލުމެވެ. އެބަހީ، އޭނާގެ ފިހާރައިން ވައްކަން ނުކުރާނެކަމުގެ އިތުބާރު އޮވެގެން، ފިހާރަ ބަންދުނުކޮށް، އެކަމަކު އެއްވެސް ވިޔަފާރިއެއް ނުކޮށް މިސްކިތަށް ހިނގައްޖެނަމަ، އޭނާގެ މައްޗަށް އެކަމުގައި އެއްވެސް މަނާކަމެއް ނެތެވެ. ފަތުވާތަކުގައްޔާއި އެހެނިހެން ތަންތަނުގައި ފިހާރަ ބަންދުކުރުމުގެ ވާހަކަ އައިސްފައިވަނީ ގަނެވިއްކުން ހުއްޓާލުމުގެ މާނަ ދޭހަކޮށްދިނުމުގެ ގޮތުންނެވެ.

ވީމާ، ބަންގިގޮވުމުން ކޮންމެ މުސްލިމަކުވެސް ނަމާދަށް އަވަސްވެގަތުމާއި ވިޔަފާރިކުރުން ހުއްޓާލުން ވާޖިބުވެގެންވެއެވެ. އަދި ހުކުރު ދުވަހަށް ބަލާއިރު، ހުކުރު ދުވަހު ނަމާދަށް ގޮވައިލެވޭހިނދު، އެއީ ދެވަނަ ބަންގިއެވެ. އެއީ ޚުޠުބާއަށް ގޮވައިލެވޭ ބަންގިއެވެ. ކީރިތި ޤުރުއާނުގެ ނައްޞުން އެނގޭ ގޮތުގައި އޭނާ އަވަސްވެގަތުމާއި ވިޔަފާރިކުރުން ހުއްޓާލުން ވާޖިބުވެގެންވެއެވެ. (ކުރިން ބަޔާން ކުރި ފަދައިން) ޢިލްމުވެރިން ޚިލާފުވެވަޑައިގެންފައިވަނީ އެ ވިޔަފާރި ބާޠިލްވާނެތޯ ނުވަތަ ނޫންތޯއެވެ…

ފިހާރަ ބަންދުނުކޮށް ހުންނަ މީހާއަށް އިންކާރުކޮށް (ނަހީކޮށް) ނަޞޭޙަތްތެރިވާންޖެހޭނެއެވެ. އެއީ ރަސޫލު – صلى الله عليه وسلم – ގެ މި ޙަދީޘްފުޅުގެ ޢާއްމު މާނައިގެ މައްޗަށެވެ: «من رأى منكم منكرًا فليغيره بيده, فإن لم يستطع فبلسانه, فإن لم يستطع فبقلبه وذلك أضعف الإيمان» ((ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ، ފަހެ، އޭނާގެ އަތުން އެކަން ބަދަލުކުރާހުށިކަމެވެ! އެއަށް ކުޅަދާނަވެގެން ނުވާނަމަ، އޭނާގެ ދުލުންނެވެ! އެކަމަށްވެސް ކުޅަދާނަވެގެން ނުވާނަމަ، އޭނާގެ ހިތުންނެވެ! އަދި މިއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ.).

އެހެންކަމުން، މި ޒަމާނުގައި މި ފެންނަ ފަދައިން، މީސްތަކުން ނަމާދުކުރަން ތިއްބާ ފިހާރަތަކުގެ ވެރިން ވިޔަފާރިކޮށް ގަނެވިއްކަން ތިބުމަކީ، ޞަޙާބީންގެ ބޭކަލުންގެ އެއްވެސް ބޭކަލެއް ކިބައިންވެސް، ނޫނީ ތާބިޢީންގެ ކިބައިންވެސް، ނޫނީ މާތްކުރެއްވިގެންވާ ޤަރުނުތަކުގައި (ފުރަތަމަ ޤަރުނު، ދެވަނަ ޤަރުނު، ނުވަތަ ތިންވަނަ ޤަރުނުގައިވެސް) އަދި ކިއެއްތަ ހަތަރުވަނަ ޤަރުނުގައިވެސް، އަދި ކިއެއްތަ ވަރަށް ފަހަކާއި ޖެހެންދެންވެސް އެނގޭންއޮތް ކަމެއް ނޫނެވެ.

އަދި ކިއެއްތަ، ފިހާރަތައް ބަންދުކުރުމާއި އެފަދަ މީހުންގެ ކަންކަން ބަލައި ބެލެހެއްޓުން ވާޖިބުވެގެންވެއެވެ. މިއީ ބިދުޢައެއް ކަމަށް ބުނާ ބުނުމަކީ އެއްވެސް އަޞްލެއް ނެތް ވާހަކައެކެވެ. މިއީ ބިދުޢައަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ވާޖިބުތަކަކީ ބިދުޢައަކަށް ނުވާނެއެވެ. ނަމަވެސް، މިއީ ޞަޙާބީންގެ ޒަމާނުގައި ފެންނަން އޮތް ކަމެއް ނޫނޭ ބުނާ މީހާގެ ބުނުމާއި މެދު ދަންނައެ، އަހަރެމެން ބުނަމެވެ:

ކަމެއް ބިދުޢައަކަށް ވުމަށްޓަކައި ޞަޙާބީންގެ ޒަމާނުގައި އެކަމެއް ނެތުން ޝަރުޠުވަނީ، އެކަމުގެ ”ސަބަބު“ މެދުވެރިވެފައި އޮވެ، އެކަން ކުރުމުގެ ބޭނުންތެރިކަން (މުޤްތަޟީ) އޮތުމާއެކުގައެވެ. އެބަހީ، ބަންގިގޮވާއިރު ޞަޙާބީން ފިހާރަތައް ބަންދުނުކުރައްވާ ތިއްބަވަނިކޮށް، މީހަކު އައިސް ފިހާރަ ބަންދުކުރުމަކީ ވާޖިބެކޭ ބުނިނަމަ، އަހަރެމެން ބުނީހެވެ: ޞަޙާބީން ބަންދެއް ނުކުރައްވައެވެ.

އަހަރެމެން ބުނަމެވެ، މި ޤާޢިދާ ތަންފީޛުކުރާށެވެ. ޤާޢިދާގައި އޮންނަނީ: ނަބިއްޔު – صلى الله عليه وسلم – ގެ ޒަމާނުގައި ނުވަތަ ޞަޙާބީންގެ ޒަމާނުގައި އެކަމެއްގެ ”ސަބަބު“ މެދުވެރިވެ، އެކަން ކުރުމުގެ ކުޅަދާނަކަންލިބި، އަދި އެކަން ކުރުމުގެ ބޭނުންތެރިކަން އޮވެމެ އެބޭކަލުން އެކަމެއް ނުކުރައްވާ ދޫކޮށްލެއްވި ކޮންމެ ކަމެކޭ އެވެ.

ނަމަވެސް މިތަނުގައި (ޞަޙާބީންގެ ޒަމާނުގައި) އެކަމުގެ (ފިހާރަ ބަންދުކުރުމުގެ) ބޭނުން ވުޖޫދުނުވެއެވެ.

މީގެ މައްޗަށް ބުނެވެނީ: ފިހާރަތަކުގެ ވެރިން ފިހާރަތައް ބަންދުކުރުން ވާޖިބުވަނީ މި ޤާޢިދާގެ ދަށުން.ކަމެވެ: (ما لا يتم الواجب إلا به فهو واجب) ”ވާޖިބެއް ފުރިހަމަވަނީ ވަކި ކަމެއް ކޮށްގެން ނަމަ، އެކަމެއް ކުރުމަކީވެސް ވާޖިބެކެވެ.“ ފިހާރަ ބަންދުކޮށްގެން މެނުވީ ނަމާދު އަދާކޮށް، ﷲ ތިޔަބައިމީހުންގެ މައްޗަށް ވާޖިބުކުރެއްވި ކަންކަން ފުރިހަމައަށް ކުރެވެން ނެތެވެ. ފިހާރަ ބަންދު ނުކޮށްފިނަމަ، ތިބާ ވިޔަފާރިކޮށް ގަނެވިއްކަން ހުރެވެއެވެ.

މީހަކު ބުނެފާނެއެވެ: ބާކީ މިތިބީ މަދު ބައެކެވެ. ދެން ދެވަނަ މީހަކު އަދި ތިންވަނަ މީހަކު އަންނާނެއެވެ. އެއާއެކު ތިބާއަށް ރަކުޢަތެއް ފާއިތުވެދާނެއެވެ. ދެން (ލަހުން ދެވޭއިރު) ވުޟޫކުރަން ޖެހިދާނެއެވެ. އެންމެ ފަހުން މުޅި ނަމާދު އެކުއެކީގައި ދޫކޮށްލެވިދާނެއެވެ. މިއީ ޙަރާމް ކަމެކެވެ. އަދި ޖާއިޒު ނޫން ކަމެކެވެ. (ޖަމާޢަތް ނުގެއްލޭނޭ ހެން) ތިބާ ނަމާދަށް އަވަސްވެގަތުން ވާޖިބެވެ.

އަދި ﷲ ގެ މަގަށް ގޮވާލާ (ބަންގިދޭ) މީހާ ”حي على الصلاة حي على الفلاح“ ((ނަމާދަށް އަވަހަށް އަންނާށެވެ، ކާމިޔާބު ހޯދުމަށް އަވަސްވެގަންނާށެވެ.)) ގޮވާ އަޑުއިވުމުން، އެ ގޮވާލުމަށް އިޖާބަދިނުން ތިބާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަބޫ ދާވޫދާއި އެހެނިހެން ބޭކަލުން އިބްނު ޢައްބާސްގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ: ނަބިއްޔު – صلى الله عليه وسلم – ޙަދީޘްކުރެއްވިއެވެ: «من سمع النداء فليجب, ومن لم يجب فلا صلاة له إلا من عذر» (ބަންގީގެ އަޑު އިވޭ މީހާ އެއަށް ޢިޖާބަދޭހުށި ކަމެވެ. އެއަށް އިޖާބަނުދޭ މީހަކަށް ނަމާދެއް ނެތެވެ. އެހެނަސް ޢުޛުރެއް އޮވެއްޖެ މީހަކަށް މެނުވީއެވެ.). މި ޙަދީޘަކީ ރަސޫލާއާ ހަމައަށް މަރްފޫޢުވެގެންވާ (ރަސޫލާގެ ބަސްފުޅެއް) ކަމާމެދު ނޫނީ މައުޤޫފްވެގެންވާ (ޞަޙާބީއެއްގެ -އެބަހީ އިބްނު ޢައްބާސްގެ- ބަސްފުޅެއް) ކަމާމެދު ޚިލާފެއް އުފެދިފައިވާ ޙަދީޘެކެވެ. ޞައްޙަ ގޮތަކީ އެއީ އިބްނު ޢައްބާސްގެ ބަސްފުޅެއްގެ ގޮތުގައި މައުޤޫފްވުމެވެ.

އަދި އިމާމް މުސްލިމްގެ ޞަޙީޙްގައި މިކަމަށް ހެކިދޭ ރިވާޔަތެއް އައިސްފައިވެއެވެ: ނަބިއްޔު – صلى الله عليه وسلم – ލޯފަން ބޭކަލަކަށް ޙަދީޘްކުރެއްވިއެވެ: «أتسمع النداء؟ قال: نعم, قال: فأجب فإني لا أجد لك رخصة» ((ތިބާއަށް ބަންގީގެ އަޑުއިވޭހެއްޔެވެ؟ އޭނާ ދެންނެވިއެވެ: އާދެއެވެ. ޙަދީޘްކުރެއްވިއެވެ: ”ފަހެ، (އެއަށް) އިޖާބަދޭށެވެ! އެހެނީ ތިބާއަށް އެއްވެސް ލުޔެއް (އުޛުރެއް) ތިމަންކަލޭގެފާނަށް ފެނިވަޑައެއްނުގަނެއެވެ.“)).

އަދި ނަބިއްޔު – صلى الله عليه وسلم – ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްތަކަށް ތިބާ ފުންކޮށް ވިސްނާލައިފިނަމަ، އެ ޙަދީޘްތައް ބިނާވެފައިވަނީ އައްނިދާއު އިއްވާ މީހާގެ (ބަންގީގެ) އަޑުއިވުމުގެ މައްޗަށްކަން އެނގޭނެއެވެ. ފަހެ، މިއިން ދަލީލުކޮށްދެނީ ބަންގީގެ އަޑުއިވޭ މީހާ އެއަށް އިޖާބަދިނުން ވާޖިބުވެގެންވާ ކަމެވެ. އަދި (ބަންގީގެ) ”الله أكبر“ އަޑުއިވުމާއެކު، އޭނާގެ ފިހާރަ ބަންދުކުރުމާއި ގޮވާލާ މީހާގެ ގޮވާލުމަށް އިޖާބަދިނުމަށް އަވަސްވެގަތުން ވާޖިބުވެގެންވާ ކަމެވެ.

އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ: «..ومن لم يجب فلا صلاة له إلا من عذر» (…އެއަށް އިޖާބަނުދޭ މީހަކަށް ނަމާދެއް ނެތެވެ. އޭގައި ޢުޛުރެއް އޮވެއްޖެ މީހަކަށް މެނުވީއެވެ.) އަދި ނަބިއްޔު – صلى الله عليه وسلم – ޙަދީޘްކުރެއްވިއެވެ: ”ތިބާއަށް ބަންގީގެ އަޑުއިވޭހެއްޔެވެ؟“ އޭނާ ދެންނެވިއެވެ: ”އާދެއެވެ.“ ޙަދީޘްކުރެއްވިއެވެ: ”ފަހެ، (އެއަށް) އިޖާބަދޭށެވެ! އެހެނީ ތިބާއަށް އެއްވެސް ލުޔެއް (އުޛުރެއް) ތިމަންކަލޭގެފާނަށް ފެނިވަޑައެއްނުގަނެއެވެ…“

– އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (فتاوى متنوعة)

މަސްދަރު: ގަލަންދާނު

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް