Ads by
ޚަބަރު
ފުރަތަމަ ބުރުން ބަލިވީ މިނިވަންކަން ގެއްލޭ ވާހަކައަށް ރައްދު ނުދިނުމުން: ރައީސް ޞާލިޙް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު ވޯޓު ލައްވަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހީކުރިވަރަށް ވޯޓު ނުލިބުނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ބޭރު ސިފައިން ތިބި ކަމަށް ބުނެ ދެއްކި ވާހަކަތަކަށް އެކަށީގެންވާ ރައްދުދެވިފައިނުވާތީ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ނާކާމިޔާބީއާއި ބެހޭ ގޮތުން ރާއްޖެ ޓީވީގެ ޕްރޮގުރާމަކަށް ފޯނުން ދެއްވި އިއްޓަވިއުއްގައި ރައީސް ޞާލިހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ބޭރު ސިފައިން ތިބި ކަމަށް ބުނެ ދޮގު ވާހަކަތައް ފަތުރަމުން ދިޔަ ކަމަށެވެ. އަދި އެވާހަކަތައް އެފަރާތްތަކުން ދައްކަމުން ދިޔައީ ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިވާހަކަތަކަަށް އެމްޑީޕީން އަދި ސަރުކާރުންވެސް އެކަށީގެންވާ ރައްދުދެވިފައިނުވާތީ އިންތިހާބުގައި ގިނަ ވޯޓުތަކެއް ގެއްލުނު ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ހަގީގަތްތައް ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އެއީ ދިމާއަށް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. އެކަމުގެ ހަގީގަތް އަޅުގަނޑުމެންނަށް ހާމަ ނުކުރެވުނު. މިބުރުގައި ތިބި ބަޔަކުތިބި. އަޅުގަނޑުމެން މިބުރުގައި އެކަން ހާމަކުރާނަން. ރާއްޖެއިން އެއްވެސް ބައެއް ނުގެއްލޭކަން ހާމަކުރާނަން،” ރައީސް ޞާލިހު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅޭގޮތުން މިސަރުކާރުން ކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން އެންމެ ބޮޑަށް ވާހަކަ ދެއްކީ ކޯލިޝަން ބައިވެރިޔާ އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ. މީގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއާއި، އުމަރު ނަސީރާއި ފާރިސް މައުމޫނާއި، ނާޒިމްވެސް މިވާހަތައް ދައްކަވާފައިވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭގެ އިތުރުން ވެސް ވަރަށް ގިނަ “މިސްޓޭކްސް” ހެދިފައި އެބަހުރި ކަމަށެވެ. އަދި އުއްމީދުކުރި ނަތީޖާ ނުލިބުނީ ވޯޓުލާން ނުކުތް އަދަދާއި އެމްޑީޕީއަށް ނެރެވުނު އަދަދު ވެސް މަދުވެގެން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ހުރިހާ ދާއިރާއެއްގައި ޕްލެޖްވޯޓު ހުރި ވަރާއި، ވޯޓު ދޭން ނިންމައިގެން ތިބި ވަރަށް ގިނަ މީހުން ވޯޓުނުލާ އެބަތިބި. ބައެއް ރަށްރަށުގައި ޕްލެޖުގެ ތެރެއިން 300-400 ވޯޓު ނުލެވި އެބަހުރި،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިދާރީ ގޮތުން ރަނގަޅު ކުރަން ޖެހޭ ކަންކަން ދެވަނަ ބުރުގައި ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *