މާލޭ ހުޅަނގު ފަރާތުގައި ހުންނަ ފުޑް ކޯޓުތަކުގައި ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރެވިގެން، މޯލްޑިވްސް އިމިގްރޭޝަނުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 27 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ އިދާރާގެ ޓާސްކް ފޯހުން ރޭ ކުރިއަށް ގެންދިޔަ މި ރެއިޑްގައި ޖުމްލަ 88 ބިދޭސީއަކު ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުންތަކުގެ ތެރެއިން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު ފާހަގަކުރެވިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ޓާސްކް ފޯސްއިން ރޭ ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައި.
މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް،… pic.twitter.com/8RjHSgdd6S
— Maldives Immigration (@ImmigrationMV) July 6, 2026
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ސަރުކާރުން ވަނީ މިއީ ގައުމީ ސަލާމަތާ ސީދާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މިގޮތުން ހިންގާ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެމީހުން ފޮނުވާލުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.












