ހުޅުމާލެއިން ދޫކޮށްފައިވާ އަމިއްލަ ގޯތިތަކުގައި ވިޔަފާރިއާއި މުޖުތަމައަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ތަރައްގީކުރެވޭނެ ގޮތަށް އުސޫލުތައް ބަދަލުކޮށްދެއްވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ހިޔާ ފުލެޓްތަކުގައި އިތުރު ލިފްޓްތައް ހަރުކޮށް ނިންމުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، ހުޅުމާލޭގެ ބިންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުރި ހުރަސްތައް ނައްތާލަންޖެހޭ ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކަކީ ހަމައެކަނި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިންތަކުން އެކަނި ލިބެންޖެހޭ ހިދުމަތްތަކެއް ނޫނެވެ.
މި ބަދަލާއެކު، އަމިއްލަ ގޯތިތަކުގައި ކްލިނިކްތަކާއި، ޕްރީސްކޫލްތަކުގެ އިތުރުން ޝޮޕިންގް މޯލް ފަދަ ތަންތަން އިމާރާތްކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފަދަ ބަދަލެއްގެ ސަބަބުން ބިންވެރިންނަށް މާލީ ގޮތުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ވަޒަންވެރިވެފައިވާ ފަރާތްތަކަށް ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދިއުމުގެ އިތުރުން، މުޅި ހުޅުމާލޭގެ އިގްތިސާދަށް ވެސް އެކަމުގެ ހެޔޮ އަސަރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ފާގަތި ދިރިއުޅުމެއް ދިރިއުޅެވޭނެ މަގުކޮށައިދިނުން ކަމަށެވެ.












