މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މިއީ މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ. ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލު ދިރާސާ ކުރުމަށް އުފެއްދި ހާއްސަ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. މި ބިލު ފާސްކޮށްފައި ވަނީ 33 މެންބަރުންގެ ވޯޓާ އެކުގައެވެ. ހަ މެންބަރަކު ބިލާ ދެކޮޅަށް ވޯޓުދީފައިވެއެވެ.
އެންޓި-ޑިފެކްޝަން ގާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލުތަކަށާއި އަތޮޅު ކައުންސިލުތަކަށާއި ރަށު ކައުންސިލުތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީ ދޫކޮށްލުމުން އޭނާގެ ގޮނޑިއާ މެދު އަމަލުކުރާނޭ ގޮތް ކަނޑައަޅާ ގާނޫނެވެ.
މި ގާނޫނުގައިވާ ގޮތުން އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެއެވެ.
މި ގާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައިވާއިރު، ބައި-އިލެކްޝަން ބޭއްވުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކޮށްފައިވެއެވެ. މެންބަރުކަމުން އިސްތިއުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ހައްގު މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ލިބޭނެ ކަމަށް ވެސް ބުނެއެވެ.
އެންޓި-ޑިފެކްޝަން ގާނޫނުގެ މަގުސަދު ކަމުގައި ބުނެފައި ވަނީ އިންތިހާބުކުރާ މެންބަރުންނަކީ އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމި ތިބޭ ބައެއްކަން ކަށަވަރު ކުރުމާ އެކު، ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއް ކަމަށް ހެދުން ކަމަށެވެ.
ރައީސް މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ. މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެއެވެ.