ހިޔާ ފްލެޓުތަކުގެ 16 ޓަވަރުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އެއްކޮށް ނިންމާލައި، މިރޭ އާންމުންނަށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު އެޗްޑީސީން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލިބެމުންދިޔަ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި 25 ބުރީގެ 16 ޓަވަރުގައި ދިރިއުޅޭ ބައިލައްކައަށްވުރެ ގިނަ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދިގު ވަގުތު ހޭދަވާ މައްސަލައެވެ. މީގެ ކުރިން މި ޓަވަރުތަކުގައި ހުރީ 3 ނުވަތަ 4 ލިފްޓު ކަމަށްވާއިރު، އާބާދީ ބޮޑުވުމުގެ ސަބަބުން ލިފްޓުތަކަށް ބާރުބޮޑުވެ، އެކަމުގެ ޝަކުވާތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އަލަށް ހަރުކުރި ލިފްޓުތަކަކީ ޖާގަ ތަނަވަސް، 21 މީހުންގެ ޖާގަ ހިމެނޭ ބޮޑެތި ލިފްޓުތަކެކެވެ. މި ލިފްޓުތައް ފަރުމާކޮށްފައިވަނީ ސްޓްރެޗާ އެރުވޭނެ ފަދަ ގޮތަކަށެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތްތަކެއް މި ލިފްޓުތަކުގައި ފަހިކޮށްދީފައިވާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއު ނިންމައި އާންމުންނަށް ހުޅުވާލުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވޭތުވެދިޔަ ދުވަސްތަކުގައި އުފުލަމުންދިޔަ ތަކުލީފުތަކަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެއްކަމަށް އެ ސަރަހައްދުގެ ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.












