ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓު ދީފިއެވެ.

ކުޅުދުއްފުށިން ކަރަންޓު ކެނޑޭތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ހޯމަ ދުވަހުގެ ހެނދުނު 9:15 ގައި މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ކުރަމުން އައި މަސައްކަތުގައި އެ ކުންފުނީގެ އެދުމުގެ މަތިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޓީމެއް އެ ސިޓީއަށް ދަތުރުކޮށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ފެނަކައިން ރޭ ބުނީ ކުޅުދުއްފުށީގައި ހިންގަމުން އައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް ރޭގަނޑު 8:10 ގައި މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ. ދިމާވި މައްސަލަ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފެނަކައިން ބުނެއެވެ. އެ ކުންފުނިން ވަނީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ސްޓެލްކޯގެ މެނޭޖްމަންޓާއި ޓެކްނިކަލް ސްޓާފުން ދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.
ކުޅުދުއްފުއްޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް ކަރަންޓު އަލުން ދިނުމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކުރެވުނީ އެ ކުންފުނީގެ އިލްމީ، ގާބިލު އަދި ތަޖުރިބާކާރު ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ. ގައުމީ ވާޖިބެއް ކަމުގައި ދެކިގެން މިފަދަ ހާލަތްތަކުގައި މުވައްޒަފުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކޮށް ފަހުމީ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެެވެ.
މިކުންފުނީގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި. ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް… pic.twitter.com/E4simf6wAZ
— Hussain Fahmy (@HussainFahmy09) April 15, 2024
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވެސް ވަނީ ދިމާވި މައްސަލަ ހައްލުކޮށް ކުޅުދުއްފުށި ސިޓީއަށް ކަރަންޓު އަލުން ދިނުމުގައި ސްޓެލްކޯއިން ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު ދަންނަވާފައެވެ.