ކުށުގެ ވެށީގައި އުޅޭ ކުދިން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ތަރައްގީކުރާ ”ހޯޕް އައިލެންޑް“ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުށަށް އަރައިގަތުމަށް މަގުފަހިވާ ކަންކަމަށް ހައްލެއް ލިބޭނީ އެކަމުގެ އަސްލު ސަބަބުތައް ދެނެގަނެ އެކަންކަން ނައްތާލެވިގެން ކަމަށެވެ. ހޯޕް އައިލެންޑް މަޝްރޫއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ދުވަސްތަކެއް ހޭދަވި ކަމަށާއި ނަމަވެސް، އެ މަސައްކަތުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
”މިހެން ކުރާ ކޮންމެ ކަމަކީވެސް ރަނގަޅު ކަމަކަށްވާން ބޭނުންވަނީ. ސަރުކާރުން މި މަޝްރޫއު ލަސްތަކެއްނުވެ ފަށާނެ. މި ދައުރުގެ ތެރޭގައި ނިންމާ ބޭނުން ކުރުމަކީ އަމާޒެއް.“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ކުށުގެ ވެއްޓަށް ވަދެވިފައި ތިބި ކުދިން ސަލާމަތްކޮށް، އެ ކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ހޯޕް އައިލެންޑަކީ 700 މީހުންގެ ޖާގައިގެ ރަށެކެވެ. މި މަޝްރޫއުގެ ދަށުން، އެކޮމޮޑޭޝަން ޔުނިޓްތަކާއި، ތައުލީމާއި ތަމްރީނަށް ހާއްސަ ސަރަހައްދުތަކާއި، ކުޅިވަރު ވަސީލަތްތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ މަރުކަޒެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.













