ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ހުރިހާ ބޭސްފިހާރަތަކެއް މިއަދުން ފެށިގެން ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމަސޫޓިކަލް (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކޮށްފިއެވެ.
މިކަމާ ގުޅިގެން ސްޓޭޓްފާމާއިން ބުނެފައިވަނީ، އަލަށް ގެނެވުނު ބަދަލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ބޭހުގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. މި ހިދުމަތް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް ސްޓޭޓްފާމާއިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ހިންގަމުންއައި ފާމަސީތައް "ސްޓޭޓްފާމާ" އަށް ރަސްމީކޮށް ބަދަލުކުރުން. pic.twitter.com/TSrdOknTK0
— StatePharma (@statepharmamv) July 1, 2026
ރައްޔިތުން ކުރާ އިތުބާރަށްޓަކައި ޝުކުރު އަދާކުރަމުން ސްޓޭޓްފާމާއިން ވަނީ މިފަދަ މުހިންމު މަސްއޫލިއްޔަތަކާ ހަވާލުވުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ބުނެފައެވެ.
ހަމައެހެންމެ، މި ބަދަލުތައް ތަންފީޒުކުރަމުންދާ ދަނޑިވަޅުގައި، ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ. އަދި ހިދުމަތާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން ކުންފުނީގެ ހޮޓްލައިން ނަންބަރު 1505 މެދުވެރިކޮށް 24 ގަޑިއިރު އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ސްޓޭޓްފާމާގެ އެންމެ މައިގަނޑު މަގުސަދަކީ ކޮންމެ ރަށަކަށް އަދި ކޮންމެ ރައްޔިތަކަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.












