ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން ޑިއުޓީގެ ގޮތުގައި ނަގަމުން އައި 8 ރުފިޔާގެ ބަދަލުގައި އެ އަދަދު 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މި ބިލު ފާސްކުރީ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ވެސް ވަނީ 4 ރުފިޔާއަށް ކުޑަކޮށްފައެވެ. މި ބިލު މަޖިލީހުގެ މުޅި ކޮމިޓީން ދިރާސާކުރުމަށްފަހު ފާސްކުރީ އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް އެހީތެރިވެދޭ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ އުފެއްދުންތަކުން ނަގަމުން އައި ޑިއުޓީ އެއްކޮށް ކަނޑާލުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މިއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، މި އަދަދު އަލުން ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗުއޯގެ ލަފާގެ މަތިންކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.












