ކުރީގެ ރައީސުންނަށް ގައުމީ ދިފާއީ ބާރުން ދެމުން އަންނަ ވީއައިޕީ ސެކިއުރިޓީ، އެ ބޭފުޅުން މުޒާހަރާތަކުގައި އުޅުއްވާއިރު، މުޒާހަރާތައް ޤާނޫނާ ޚިލާފު ހަރަކާތަކަށް ބަދަލުވާ ހިސާބުން ދޭން ނުޖެހޭ ގޮތަށް ހަދަން ”އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު“ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން އިއްޔެ ނިންމައިފިއެވެ.

ކުރީގެ ރައީސުން މުޒާހަރާތަކުގައި އުޅުއްވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް މި އުސޫލު އިސްލާހުކުރަން އެ ކޮމިޓީއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި އުސޫލު އިސްލާހުކުރަން ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ނަމަވެސް މި އިސްލާހާ ދެކޮޅަށް ތިން މެންބަރަކު ވޯޓުދެއްވާފައިވެއެވެ. އެ ތިން މެންބަރުންނަކީ:
- ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަބްދުލްޣަފޫރު މޫސާ
- ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުޙައްމަދު ނާޒިމް
- ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަބްދުލްހަންނާނު އަބޫބަކުރު
ކުރީގެ ރައީސުންނަށް އެމްއެންޑީއެފްއިން ދޭ ވީއައިޕީ ސެކިއުރިޓީ މުޒާހަރާތަކުގައި ބައިވެރިވާނަމަ އެ ވަގުތަށް ނުދޭން ނިންމާފައި މިވަނީ، ގައުމުގެ އަމަންއަމާންކަން ނަގާލުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުﷲ ޔާމީންގެ އިތުރުން އިބްރާހިމް މުޙައްމަދު ޞާލިޙު މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.














އެއީ ވަރައްރަގަޅު ނިއްމުމެއް އެނިއްމުމައް އަޅުގަޑު ތާއީދު