ވަރަށް އަވަސް މުސްތަގުބަލެއްގައި އައްްޑޫ ހަންކެޑެގެ ޑީޓެއިލް ޕްރޮޖެކްޓެއް، މަސައްކަތް ފެށޭނެ ގޮތަށް އިންތިޒާމުކުރެވިގެން އިއުލާންކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަޙްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހަންކެޑެ މަޝްރޫއަކީ އައްޑޫ ސިޓީއާއި މުޅި ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
”ހަންކެޑެ ޕްރޮޖެކްޓް ފެށުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާ ގިނަ ދުވަސްތަކެއް ނުވެ ކުރިއަށް އޮތް ދެތިން ހަތަރު ހަފުތާއެއްގެ ތެރޭގައި ޑީޓެއިލް ޕްރޮޖެކްޓެއް އިއުލާންކުރެވި މަސައްކަތް ފެށޭނެ ގޮތަށް އިންތިޒާމު ކުރެވިގެންދާނެ.“ – މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް ހާއްސަކޮށް އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހަންކެޑެގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 1،000 އެނދުގެ ރިސޯޓެކެވެ. އެންމެ ފުރަތަމަ ހަންކެޑެ ތަރައްގީކުރުމަށް ސަރުކާރުން ނިންމީ ހަލާލު ޓޫރިޒަމަށް ހާއްސަކޮށްގެން ނަމަވެސް ފަހުން ވަނީ އެ ނިންްމުން ބަދަލުކޮށްފައެވެ.
އެކި ސަރުކާރުތަކުން އެކި ދުވަސްވަރު ހަންކެޑެގައި ރިސޯޓު ތަރައްގީކުރުމަށް ކުންފުނިތަކާ ހަވާލުކުރި ނަމަވެސް މިއަދާއި ހަމައަށްވެސް މި މަޝްރޫއު ކުރިއަށްގެންދެވިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.












