މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރް.ޓީ.އައި) ގެ ދަށުން، އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމަށް ލާޒިމުކުރާ މިންގަނޑުތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ފުރިހަމައަށް އަމަލުކުރަން ފަށައި، އެހެން ކުންފުނިތަކަށް ނަމޫނާ ދައްކައިފިއެވެ. މިއާއެކު، އެޗް.ޑީ.ސީ ވެގެން ގޮސްފައިވަނީ މި މިންގަނޑަށް ފެތުނު ރާއްޖޭގެ ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައިވާ ”ޕްރޯއެކްޓިވް ޑިސްކްލޯޝަރ“ ނުވަތަ އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑަށް އެޗް.ޑީ.ސީ އިން މިހާރު ވަނީ ފުރިހަމައަށް ޝަރުތު ހަމަކޮށްފައެވެ. އާންމުން އެދިގެން މަޢުލޫމާތު ދިނުމުގެ އިތުރުން، ކުންފުނީގެ މުހިންމު މަޢުލޫމާތުތައް އެ ކުންފުނިން މިހާރު ދަނީ އަމިއްލައަށް އިސްނަގައިގެން ހާމަކުރަމުންނެވެ.
މި ކާމިޔާބީއާ ގުޅިގެން އެޗް.ޑީ.ސީގެ ޓީމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. ޚާއްޞަކޮށް، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގައި އެ ކުންފުނިން މިހާރު ވަނީ އެހެން ސަރުކާރު ކުންފުނިތަކަށް ރަނގަޅު ނަމޫނާއެއް ދައްކާފައެވެ. ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެޗް.ޑީ.ސީ އިން މި ގާއިމުކުރި މިންގަނޑަކީ އެހެން ހުރިހާ ސަރުކާރު ކުންފުނިތަކަކުންވެސް މިހާރުން މިހާރަށް ވާސިލްވާންޖެހޭނެ މުހިންމު އަމާޒެކެވެ.
ސަރުކާރުގެ ކުންފުނިތަކަކީ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މަޝްރޫޢުތަކާއި ޚިދުމަތްތައް ދޭ ތަންތަނަށް ވާއިރު، މަޢުލޫމާތު ހާމަކުރުމުގައި ހަރުދަނާ ނިޒާމެއް އޮތުމަކީ ކޮރަޕްޝަން ހުއްޓުވުމަށާއި، ކުންފުނިތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
އެޗް.ޑީ.ސީގެ މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ހާމަކަން ބޮޑުކުރުމަށް ބާރުއަޅާ މިންވަރު ހާމަކޮށްދޭ ދަލީލެކެވެ. މި ބަދަލާއެކު އެޗް.ޑީ.ސީގެ ހިންގުމުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.













