ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު އަދި ކާމިޔާބު ފިޔަވަޅެއް ކަމަށެވެ. މި ފަހުމުނާމާތަކުގެ ސަބަބުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކި ފަރާތްތަކުގެ ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވާނެ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މައި އެއަރޕޯޓަކީ އަބަދު ވެސް ތަފާތު ބަދަލުތައް އަންނަ ތަނަކަށް ވުމާއެކު، އެއަރޕޯޓުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮންނަ ފައިދާހުރި ކޯޑިނޭޝަންގެ ސަބަބުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހުރިހާ ހިއްސާދާރުންގެ މެދުގައި އޮންނަ އިތުބާރާއި، ހާމަކަން ބޮޑު މުއާމަލާތްތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފަހުމުނާމާގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެ ކަމަށާއި މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެންޑީއެމްއޭ،، އެމްއެމްއެސް އަދި އެމްއާރްސީން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، މި މަސައްކަތްތަކަކީ ފަސިންޖަރުންނާއި މުވައްޒަފުންގެ އިތުރުން މުޅި އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި، ކަމާގުޅޭ ހުރިހާ އިދާރާތަކާއެކު އެމްއޭސީއެލްއިން އަބަދު ވެސް ގާތުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ.













