ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އަންނަ 2027 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ އޮޕަރޭޝަންތަކުގައި ޑްރޯން ބޭނުންކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓރަު އިޙްސާން މި މޭރުމުން ވިދާޅުވީ، ދިވެހި ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ”ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ“ ގެ ހިދުމަތަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. މި ހިދުމަތް ތައާރަފްވުމުން ކުށުގެ ހާދިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ރިޕޯޓު ލިބުމާއެކު، ފުލުހުންގެ ޓީމެއް އެ ސަރަހައްދަކަށް ދިއުމުގެ ކުރިން ޑްރޯން އެ ސަރަހައްދަކަށް ފޮނުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މި ޓެކްނޮލޮޖީގެ ސަބަބުން ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ނުވަތަ ކަނޑު މަގުން ދާންޖެހޭ ރަށްރަށަށް ދިއުމުގައި ލަސްތަކެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ވީޑިއޯގެ ޒަރިއްޔާއިން އެ ސަރަހައްދެއްގެ ހާލަތު ވަގުތުން ކޮމާންޑް ސެންޓަރަށާއި ރެސްޕޮންޑްކުރާ އޮފިސަރުންނަށް ފެންނާނެ ކަމަށެވެ.
ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ”ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓް“ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، މި ސިސްޓަމް އަޕްގްރޭޑްވުމުން، އެހީއަށް އެދި ގުޅާ ފަރާތް ހުރި ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދެއްގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ފީޑްތައް ވަގުތުން ސިސްޓަމުން ފެންނާނެތީ، ހާދިސާ ހިނގާ ސަރަހައްދުގެ މައުލޫމާތު ވަރަށް ފުރިހަމައަށް ފުލުހުންނަށް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިޙްސާން އިތުތަށް ވިދާޅުވީ، މިފަދަ މުހިއްމު ޓެކްނޮލޮޖީއެއް ހިންގުމަށް ބޭނުންވާ ޒަމާނީ ޑޭޓާ ސެންޓަރެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ފެށިފައިވާ ކަމަށެވެ.













