ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ނުވަތަ “ޖުމްހޫރީ ފައްވާރާ” މަރާމާތުކޮށް ނިންމުމަށްފަހު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި ދައުލަތުގެ އިސްވެރީންނާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުالله ޒިޔާދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މަރާމާތަށްފަހު ޖުމްހޫރީ ފައްވާރާ އަލުން ހުޅުވުމާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެެކްޓިންގ ކޮމްޕެނީ (އެމްޓީސީސީން) އިން ބުނީ މި މަސައްކަތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ. ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށް ފުރަތަމަ ހުޅުވުނީ 2015 ވަނަ އަހަރު ފާހަގަ ކުރެވުނު “މިނިވަން 50” މުނާސަބަތާ ގުޅިގެންނެވެ. މިތަން ފަރުމާކުރީ އޭރުގެ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަދި މިހާރުގެ ރައީސްގެ މޭސްތިރިކަމުގެ ދަށުން އެ ކުންފުނީގެ ފަރާތުން ކަމަށް އެމްޓީސީސީން ބުނެއެވެ.
“މި ބިނާ ފަރުމާކުރެވުނީ ރާއްޖޭގައި ކުރީ ޒަމާނުގެ ރަސްރަސްކަލުން ފެންވެރުމަށް ބޭނުންކުރާ ވެވު ރަމްޒެއް ކަމަށް ބަލައިގެންނެވެ. ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅިގެން ހުޅުވުނު ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށްފައި ވަނީ މިނިވަންކަމުގެ ބަހާތައް ކަމުގައިވާ ގައުމީ އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ގޮތަށެވެ،” މަރާމާތަށްފަހު ޖުމްހޫރީ ފައްވާރާ ހުޅުވުމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނުގައިވެއެވެ.
އެމްޓީސީސީން ބުނެފައި ވަނީ މި މަސައްކަތް ފަރުމާކުރެވިފައި ވަނީ އާންމުންގެ ސިއްހަތާއި ރައްކާތެރިކަމަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އެގޮތުން މި ތަނުގެ ފެން ފިލްޓަރކުރާ ނިޒާމް ފަރުމާކޮށްފައި ވަނީ ގިނަ އަދަދެއްގެ ކުޑަކުދިން ބޭނުންކުރާ ތަނަކަށް ވާތީ އާއެކު، ބަލިމަޑުކަމެއް ނުފެތުރޭނެ ގޮތަށް ފެން ސާފުކުރެވި ބަދަލުކުރެވޭނެ ގޮތަށް ކަމަށާއި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ފައްވާރާގެ ނިޒާމު އެއްކޮށް ނިވޭނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި ޖުމްހޫރީ ފައްވާރާ ފަރުމާކުރެވިފައި ވަނީ ފެންއަރުވާ ގަޑީގައި މިއުޒިކްގެ އަޑު ވެސް އިވޭ ގޮތަށް ކަމުގައެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު މިސްކިތްހުރި ސަރަހައްދުކަމުގައިވާތީ، މިއުޒިކް ޖަހާނީ ނަމާދު ގަޑިތަކާ ދިމާނުވާނެހެން ބަލައިގެން ކަމަށް އެމްޓީސީސީން ބުނެއެވެ.
“ޖުމްހޫރީ ފައްވާރާ އަލުން ހުޅުވިފައި މިވަނ،ީ ގައުމިއްޔަތާއި އިސްލާމީ ޝިއާރު ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ހާއްސަ އިރުޝާދާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސްގެ އިސްނެގުމުގެ މަތިން އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމުމާ ގުޅިގެންނެވެ.” ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މި ބިނާ ވަނީ ވަރަށް ބޮޑަށް ވީރާނާވެ، މަރާމާތަށް ބޭނުންވެފައިކަން ފާހަގަކޮށް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ބުނީ މި ފެންއަރުވާ ވަޑާމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެހެން އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭ ސިޓީގައި ހުޅުވިފައިވާ މާލޭގެ މަލަމަތި ރީތިކޮށްދޭ ހިތްގައިމު ބިނާއެއް ކަމަށެވެ. ޖުމްހޫރީ ފައްވާރާއަކީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަން ރަމްޒުކޮށްދިނުމަށް އެ ކުންފުނިން ހެދި މުހިންމު ބިނާއަކަށްވުމުން، މި ބިނާ މަރާމާތު ކުރުމުގެ މަސައްކަތާ ހަވާލުވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މުޖުތަމައުގެ ކަންކަމަށް ހިއްސާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ސަގާފަތުގައި ހިމެނޭ ކަމެއް ކަމުގައެވެ.