މާލީ ހާލަތު ރަނގަޅުކުރަން އަސާސީ ހިދުމަތްތައް ހުއްޓާލުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
”ޕްރެސަރ ވިތް ދަ ސްޕޮކްސް“ ގެ ނަމުގައި ޓެލެވިޒަން މޯލްޑިވްސްގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރަންޖެހެނީ އިގްތިސާދީ ހަރަކާތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ބުރަ ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އަސާސީ ހިދުމަތްތައް ހުއްޓާލައިގެން ދައުލަތުގެ މާލިއްޔަތު ރަނގަޅު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން މުންދު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރަން ކަމަށާއި، ބޭރުގެ ދަރަންޏެއް ޑީފޯލްޓް ވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާނެކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ ދަރަނި ހުރީ ސަރުކާރުން ހިތްހަމަޖެހޭ ވަރަށްވުރެ މާ ބޮޑު ކަމަށެވެ. އަދި އެކަންކަން ސަރުކާރުން ހައްލުކުރާނީ ވަކިވަކި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް މުންދު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެގޮތުން ރާއްޖެއަށް އެތެރެކުރާ ތެލާއި، މުވައްޒަފުންގެ މުސާރަ އަދި އާސަންދަ ފަދަ ހަރަދުތަކަކީ ރާއްޖޭގެ މާލީ އިދާރާތަކާއި، ހިލޭ ލިބޭ އެހީގެ އިތުރުން ފަތުރުވެރިކަމާއި ކަސްޓަމްސް ޑިއުޓީ ފަދަ ކަންކަމުން ލިބޭ އާމްދަނީން ހަމަޖައްސަންޖެހޭ ކަންކަން ކަމަށެވެ.
މުންދު އިތުރަށް ވިދާޅުވީ ފާއިތުވި ދެ އަހަރާ އަޅާބަލާއިރު ބޭރުގެ ދަރަނި މިހާރު ހުރީ މެނޭޖްކުރެވިފައިވާ ހާލަތެއްގައި ކަމަށާއި، މި އަހަރުގެ ސެޕްޓެމްބަރު މަހު ދައްކަންޖެހޭ ދަރަނި ދެއްކޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.











