Wednesday, 9 September 2026

Ads by

އެމްޑީޕީ އަށް 21 އަހަރު: ’ސިޔާސީ ކަލްޓެއްގެ‘ ޙަޤީޤަތާއި ކަނު ލޯބީގެ ޖާދޫ

އެކި ގްރެފިކްސް: ޙުސެއިން ފައުޒާން

ސިޔާސީ ހަރަކާތްތަކަކީ ހިންގުމާއި، ސިޔާސަތުތަކާއި، އަދި ނެރެވޭ އަމަލީ ނަތީޖާތަކުގެ މައްޗަށް ބިނާވެފައިވާންޖެހޭ އެއްޗެކެވެ. ނަމަވެސް ސިޔާސީ ކަލްޓެއް (ކަނުކޮށް ތަބާވާ ބައިގަނޑެއް) ހިންގަނީ މުޅިން ތަފާތު އުސޫލުތަކަކުންނެވެ. އެއީ ކަނު ޖަޒުބާތީ ލޯތްބާއި، ތާރީޚީ ޙަޤީޤަތްތައް ގަސްތުގައި ފޮހެލުމާއި، އަދި ލީޑަރު ކުރާ ކޮންމެ ކަމެއް ދިފާއުކުރުމުގެ މައްޗަށެވެ. އެ ލީޑަރަކު ޤައުމުގެ ދީނީ އަދި އަޚްލާގީ އަސާސްތަކާ ސީދާ ޚިލާފުވިޔަސްމެއެވެ. އަދި ޤައުމު އަނދަވަޅަކަށް ވައްޓާލިކަމުގައިވިޔަސް، ބޭރު ބައެއްގެ އަތްމައްޗަށް ޤައުމު ދޫކޮށްލިޔަސްވެސް މެއެވެ.

ވޭތުވެދިޔަ 21 އަހަރުގެ މުއްދަތުގައި، ދިވެހިރާއްޖެ ގޮސްފައި މިވަނީ ސިޔާސީ ގޮތުން ކަނުވެފައިވާ، އަދި ކޮންމެ ފަދަ ކަމެއްވެސް ދިފާއުކުރާ %40 ގެ ބައެއްގެ ނުރައްކާތެރި ޙަޤީޤަތް ދެކެމުންނެވެ. މި ބައިގަނޑަކީ އެމީހުންގެ ލީޑަރުގެ ޢަމަލުތައް ދީނީ އުސޫލުތަކުން ނުވަތަ ސާބިތު ޙަޤީޤަތްތަކުން ވަޒަންކުރާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި، އެމީހުން ވަނީ އެއް ފަރުދެއްގެ ސަބަބުން އެމީހުންގެ އަމިއްލަ ބުއްދި އިސްކުރުން ދޫކޮށްލާފައެވެ. އަމިއްލަ ’ކްރިޓިކަލް ތިންކިން‘ ބޮލާލައި ޖަހާފައެވެ.

ތާރީޚީ ޙަޤީޤަތްތަކަށް ބަލާއިރު، ސާފުކޮށް އެނގެން އޮތް ކަންކަން

ލީޑަރު ދީނީ ނުވަތަ އަޚްލާގީ ހުދޫދެއް ފަހަނައަޅައި ދާ ކޮންމެ ފަހަރަކު، ރައްޔިތުން އެކަމާ ނުރުހުން ފާޅުކުރުމުން، އެ ކަލްޓުގެ މީހުން ވަގުތުން ނިކުމެ ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލައި (Gaslight) ކޮށް ޙަޤީޤަތް އޮޅުވާލައެވެ.

ގޭސްލައިޓް ކުރުމަކީ ކޮބާތޯއެވެ؟ އެއީ ”ކަނޑައެޅިގެން އެނގެން އޮންނަ ޙަޤީޤަތަކީ ނުވާކަމެއްކަމަށް ބުނެ، އެކަން ވާކަން ޤަބޫލު ކުރާ މީހާގެ އަމިއްލަ ސިކުނޑިއާމެދު ނޫނީ ބުއްދި/ވިސްނުމާއިމެދު ޝައްކު އުފެއްދުމެވެ.“

ދީނީ އަސާސްތަކާއި ސުންނަތަށް ފުރައްސާރަކުރުން!

މި ސިޔާސީ ބްރޭންޑްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ހުޅަނގުގެ ސެކިއުލާ ފްރޭމްވޯކްތަކަށް މަރުޙަބާ ކިޔުމަށްޓަކައި، އިސްލާމްދީނުގެ ސާބިތު އަޤީދާއާއި އުސޫލުތައް ބަލިކަށިކޮށްލަން އަބަދުވެސް މަސައްކަތްކުރުމެވެ. އަދި މިފަދަ ކަންކަން ފަޅާއަރާ ކޮންމެ ފަހަރަކު، ކަލްޓުގެ މީހުން ނިކުމެ ޙަޤީޤަތް އޮޅުވާލައެވެ.

•2011 ގެ އާޓިފިޝަލް ބީޗްގައި ސުންނަތަށް ދިން ހަމަލާ: 23 ޑިސެމްބަރު 2011 ގައި ދިވެހި ރައްޔިތުން ދީން ހިމާޔަތްކުރުމަށް އެއްވި ވަގުތު، އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމެއްގައި އެކަލްޓުގެ ލީޑަރު ވަނީ އިސްލާމީ ތާރީޚަށް ހަމަލާދީފައެވެ. ކީރިތި ރަސޫލާ ﷺ އާއި އާއިޝާގެފާނުގެ ކައިވެނިފުޅުގެ ވާހަކަ އަށް ހުޅަނގުގެ ސެކިއުލާ ނަޒަރަކުން ފުރައްސާރަކޮށްފައެވެ. ކަލްޓުގެ މީހުން މި ވާހަކައަށް ސާބަސްދީ، ދީން ހިމާޔަތްކުރަން ނިކުތް މީހުންނަކީ ހަރުކަށި ފިކުރުގެ ހައްދު ފަހަނައެޅި ބައެއްގެ ގޮތުގައި ސިފަކުރިއެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތައް ތަބާވާ މީހުން ހުރަގެއަށްލާ އުލުބޭންދިއެވެ.

•2013 ގެ ޑެންމާކް ސްޕީޗް: ކޯޕަންހޭގަންގައި ބޭރުގެ ބަޔަކާ ވާހަކަދައްކަމުން، ދިވެހިން ދީނީ ޢިލްމުވެރިންނާއި ޙަދީޘްތަކަށް ބަރޯސާވާތީ އެކަމަށް މަލާމާތްކޮށް، އިސްލާމްދީނާ ދެކޮޅަށް ”އަލްޓަނޭޓިވް ނެރެޓިވް“ (އިތުރު ގޮތްތަކެއް) ބޭނުންވާކަމަށް ބުންޏެވެ. އަދި އިސްލާމީ ނުފޫޒާ ދެކޮޅަށް ”ޖެސުއިޓުން (މަސީހީ މިޝަނަރީން) އަވަހަށް އަންނަންޖެހޭ“ ކަމަށް ބުންޏެވެ. ރައްޔިތުންގެ ނުރުހުން ފާޅުވުމުން، އޭނާގެ ބައިވެރިން ބުނީ ”އިނގިރޭސި ބަސް ނުދަންނަ ބަޔަކު ވާހަކައިގެ މާނަ އޮޅުވާލީ“ ކަމަށެވެ. މުޅިންވެސް ޙަޤީޤަތް އޮޅުވާލައިގެން ލާދީނީ ކަންކަން ފެތުރުމުގައެވެ.

•އެމްޑީއެންގެ ރިޕޯޓް ދިފާއުކުރުން (2019): މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (MDN) އިން ކީރިތި ރަސޫލާ ﷺ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުމުން މުޅި ދިވެހިރާއްޖެ ކެކިގެން ދިޔައެވެ. ނަމަވެސް ކަލްޓުލީޑަރު އެ ރިޕޯޓް ލިޔުނު މީހުން ދިފާއުކޮށް، ”ދީން ސިޔާސީ ހަތިޔާރަކަށް ހެދުމަކީ ދީނަށްލިބޭ އެންމެ ބޮޑު ފުރައްސާރަ“ ކަމަށް ބުންޏެވެ. ކަލްޓުގެ މީހުން މި ވާހަކަތައް ތަކުރާރުކޮށް، ރަސޫލާ ﷺ ގެ ދިފާއުގައި ނިކުތް މީހުން ކުށްވެރިކުރިއެވެ. އަދި ނަޝީދުގެ ފަހުން އައި އެމްޑީޕީގެ 2 ވަނަ ވެރިކަމުގައި ރައީސް ސޯލިހުގެ މުޅި ސަރުކާރުގެ މަތިފަޑީގައި ތިބީ މި ރިޕޯޓު ތައްޔާރުކޮށް ދިވެހިރާއްޖޭގައި ލާދީނީ އެޖެންޑާ ޕްރޮމޯޓުކުރި މީހުންނެވެ. ރައީސް އޮފީހުގައި އޮތީ އެ ޓީމެވެ. ޕްރޮސިކިޔުޓަރ ޖެނެރަލަކަށް ހުރީ ޓީމުގެ އިސް ލީޑަރެކެވެ. ކޮމިޝަނަރ އޮފް ޕޮލިސް މަޤާމުގައި ހުރީވެސް (MDN) ގެ އެއް ހިއްސާދާރެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. އަދި މިކަމުގައި ގޮސް އަމިއްލައަށް ދީނުން ބޭރުވެ މުރުތައްދުން ކަމަށް އިއުތިރާފުވެ ތިމަންނާމެން އިސްލާމްދީން ދޫކޮށްލިކަން އިއުލާނުކޮށް ނުވިތާކަށް ދީނަށް ފުރައްސާރަކޮށް ހެދުމުން ރައްޔިތުން ރަތަށްއެރީމައި ފުލުހުންގެ އެހީތެރިކަމުގައި އެ ހުރިހާ މީހުންނަށް ހުޅަނގުގެ ޤައުމުތަކުން އެތިބީ ހިމާޔަތްދީފައެވެ. މިއީ މިއަދުގެ ’ޖެންޒީން‘ ނުވަތަ ނޫކަށިފުރާގެ ޒުވާނުން ހަނދާން ނުހުންނާނެ މާޒީއެވެ.

•ނަވީ ޕިއްލޭގެ ވާހަކަ (2011): ޔޫއެންގެ ހިއުމަން ރައިޓްސް ޗީފް ނަވީ ޕިއްލޭ ރާއްޖޭގެ މަޖިލީހުގައި ޒިނޭގެ ހައްދު ކަނޑާލުމަށާއި، ދިވެހިރައްޔިތަކަށްވުމަށް މުސްލިމަކަށްވުން ލާޒިމުކުރާ މާއްދާ އުވާލަން ގޮވައިލުމުން، ކަލްޓް ލީޑަރު ދިވެހި އިސްލާމީ އައިޑެންޓިޓީ ދިފާއެއް ނުކުރިއެވެ. އޭގެ ބަދަލުގައި، އެކަމާ ދެކޮޅަށް ނިކުތް އިލްމުވެރިންނަކީ ”ޖިހާދީ އަދި ހަރުކަށި“ ބައެއް ކަމަށް ބުންޏެވެ. މީގެ އިތުރުން އެއްޖިއްސުން ގުޅުން ހިންގާ މީހުންގެ ޙައްޤުތަކަށް ވަކާލާތުކޮށް މާލޭގައި ހިއްލަތު ނަމަކަށް ކިޔާ އެމްޑީޕީގެ ވަރުގަދަ އެކްޓީވިސްޓު އިސްނަގައިން ކުރި މުޒާހަރާ ކުރިއަށް ގެންދިއުމުގައި ނަޝީދުގެ ސަރުކާރުގެ ފުރިހަ ހިމާޔަތާއި ރައްކާތެރިކަން ވަނީ ދީފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަން ކަމޭބުނެ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ’ޗާލީ ހެބްދޯ‘ ނޫސް ދިފާއުކުރީވެސް އެމްޑީޕީގެ ބާނީ ނަޝީދުއެވެ. އެކަލްޓުގެ ކަނުލޯބީގައި ދީވާނާ ވެފައި ތިބި މީހުންނަށް މީގެންވެސް ގޯހެއް ނުފެނުނެވެ. ސަހަރޯ ހީނުވޭހެއްޔެވެ؟ އަހަރުމެންގެ ތެރެއިން ބައެއް ދިވެހިންނަށް ވެފާމިތިބެނީ ކީއްބާވައޭ ހިތައްއަރައެވެ.

އަޚްލާޤީ ފާސިދުކަން އާދައިގެ ކަމަކަށް ހެދުން

މި ސެކިއުލާ ސިޔާސީ އޮނިގަނޑުގެ މައިގަނޑު އެއް މަޤްސަދަކީ މުޖުތަމަޢުގެ އަޚްލާޤީ ސާފުކަން މަޑުމަޑުން ހަލާކުކޮށްލުމެވެ. އަދި އިސްލާމީ ހުދޫދުތަކުގެ ބަދަލުގައި ހުޅަނގުގެ ލޫސް އެންޑް ފްރީ ކަލްޗާރގައި އުޅޭ އުޅުންތައް ތައާރަފްކުރުމެވެ.

•ނާޒިމް ސައްތާރުގެ ވީޑިއޯ ސްކޭންޑަލް (2022): ކަލްޓު ލީޑަރުގެ އަމިއްލަ ކޮއްކޮ، ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ފިރިހެނަކާއެކީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ފެނުމުންވެސް، އޭނާ ލަދުވެތިވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ މުޑުދާރު ޢަމަލު ދިފާޢުކުރަމުން އޭނާ ބުނީ ކޮއްކޮ ހައްޔަރުކުރުމަކީ ”ހަރުކަށި ހައްދުފަހަނައަޅާފައިވާ މީހުން ރުއްސަން ސިޔާސީ ގޮތުން ކުރި ކަމެއް“ ކަމަށެވެ. ބޮޑު ފާފައެއް އަދި ކުށެއް ދިފާއުކޮށް، ޤާނޫނު ތަންފީޒުކުރަން އުޅުނު މީހުންނަކީ ހަރުކަށި މީހުން ކަމަށް ހެދިއެވެ. ކަލްޓުގެ މީހުން ވަގުތުން މިއީ ”ސިޔާސީ ބަދަލުހިފުމެއް“ ކަމަށް ބުނެ ސޯޝަލް މީޑިއާ ފުރާލިއެވެ. ކުޑަމިނުން އޭރުގެ އެމްޑީޕީ ސަރުކާރުގެ ވެރިމީހާ އިބްރާހިމް މުޙައްމަދު ޞޯލިހުވެސް ނާޒިމްއަށް އެކަށީގެންވާ އަދަބެއްނުދީ ދޫކޮށްލީއެވެ. ރައްޔިތުންގެ ޕްރެޝަރަށް ފުލުހަށް ހާޒިރުކުރީމޭ ބުނާންވެގެން ނާޒިމް ގެންދިއައީވެސް އޭސީ ކާރުކޮޅުގައި ރަސްމީ ޢިއްޒަތުގައެވެ. މިކަންކަން އެބުނާ ’ބޮޑު ބަދަލު‘ ގެ ތެރޭގައި ނުހިމެނި ނުދާނެއެވެ. މިވާހަކަތައް ދެއްކީވެސް އޭރުގެ އެމްޑީޕީގެ ބައެއް މަޖްލިސް މެންބަރުންނެވެ. އެމްޑީޕީ ޜޫޅުނީ އެއްބަޔަކު ’ލިވާތު‘ ނުވަތަ އެއްޖިއްސުން ފިރިހެނުންނާ ގުޅުން ހިންގުން ދިފާޢުނުކޮށްގެން ކަމަށް ބުނެ ދެއްކި ވާހަކަތަކުގެ ރެކޯޑިން އެހުރީ ފެންނާށެވެ. މިއަދު މި އެންމެން އެއް ނަވަކަށް އަރައިގެން މިދާ މިސްރާބަކީ އެ ’ކޮޓަރި‘ ކޮޅު ނޫންބާވައޭ ހިތައް އަރައެވެ. މުސްލިމުން ހޭ އަރާށެވެ. ޢިލްމުވެރިން ތެދުވާށެވެ. އަދި މި ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވާށެވެ. ދިވެހިން ނަކީ ވަރަށް އަވަހަށް މާޒީ ހަނދާން ނައްތާލާ ބައެކެވެ. އަބަދުވެސް އޮންނަނީ ހަނދާންކޮށްދިނުމެވެ.

މާފުށީގައި ރާ ހުއްދަކުރަން އެދުން (ޑިސެމްބަރު 2025): ”ހާޓް އޮފް މޯލްޑިވްސް“ ބްރޭންޑް ލޯންޗުކުރި ހަފްލާގައި، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކަށް ރިސޯޓްތަކެކޭ އެއްގޮތަށް ”ޕްރޮޑަކްޓްސް“ (ރަލާއި އޫރުމަސް) ވިއްކުމުގެ ހަމަހަމަކަން ނެތުމަކީ ބޭއިންސާފެއް ކަމަށް ބުންޏެވެ. މިއީ ރަށްރަށުގައި ރާ ހުއްދަކުރަން ޖެހި ސިއްރު ބަހެކެވެ. މީނާ މިކުރާ ކަމަކީ ރައްޔިތުންގެ ރިއެކްޝަން ނުވަތަ ރައްޔިތުންގެ ޚިޔާލު ހުންނަގޮތް ބަލާލުމެވެ. ރައްޔިތުން ކެކިއަރާ ހަޅޭއްފަޅޭއް ޖަހާ، އަދި ސަރުކާރުން އެކަން ހުއްޓުވުމުން، އޭނާ ބުނީ އޭނާގެ ”ސާފު ދިވެހި ބަސް“ އޮޅުވާލީ ކަމަށެވެ. ގޭސްލައިޓިންގެ އެންމެ ފުރިހަމަ މިސާލު މިކަމުން ނުފެންނާނީ އެ ކަލްޓު ގައި ކަނުކޮށް ދީވާނާ ވެފައިވާ މީހުންނަށެވެ. ކިރިޔާވެސް ހެޔޮ ވިސްނޭ ދިވެއްސަކަށް ވިއްޔާ މި ގެންނާން އުޅޭ ’ބޮޑު ބަދަލު‘ އަދި 21 އަހަރުން ނުގެނެވުނު ބަދަލު ވިސްނެންވާނެއެވެ.

އިޒްރޭލަށް ވާގިވެރިވެ ސަނާ ކީމާވެސް ހަމަ އެވަރެއް ނެތް؟

ޒަޔަނިސްޓުންނާ ގުޅުން ގާއިމުކުރުން (2009-2010): ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ބާއްވާ އަޚުވަންތަކަން މުގުރާލައި، އޭނާގެ ސަރުކާރުން އިސްރާއީލާއެކު ސިޔާސީ ގުޅުން އާކުރިއެވެ. އިސްރާއީލުގެ ލޮލުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސް ރައީސް އޮފީހުން ރަތްދޫލައިގެ މަރުޙަބާ ކިއެވެ. ރައްޔިތުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމުން، ކަލްޓުގެ މީހުން ދިވެހި ރައްޔިތުންނަކީ ”ބޭރު މީހުންނަށް ނަފުރަތުކުރާ ހަރުކަށި“ ބައެއްގެ ގޮތުގައި ސިފަކުރިއެވެ. މިކަންވެސް އަހަރުމެންގެ ތެރެއިން ބަޔަކު ހަނދާނެއް ނެތެވެ.

ސާކް ސަމިޓްގެ ބުދުތައް (2011): އައްޑޫގައި ބޭއްވި ސާކް ސަމިޓްގައި, އިސްލާމްދީނުގައި މަނާކުރައްވާފައިވާ ބުދުތައް ބެހެއްޓިއެވެ. ރައްޔިތުން އެ ތަކެތި ނަގަން އެދުމުން، ކަލްޓުގެ މީހުން ބުނީ އެއީ ”ޒަމާނީ ޑިޕްލޮމަސީ ކަމުގެ މޮނިއުމަންޓެއް“ ކަމަށެވެ. މި ކަލްޓުގެ ކަނު ތާއީދު ދީނީ ކަންކަމުން ބޭރަށްވެސް ދެމިގެންގޮސްފައިވެއެވެ. ލީޑަރު ޤައުމީ މަސްލަހަތަށާއި، ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ދިނުމުންވެސް، ކަލްޓުގެ ބާރުން އޭނާ ހިމާޔަތްކުރެއެވެ.

ސީޔޫބީއެން ކްރިޕްޓޯ ސްކޭމް (2026): 500,000 ޑޮލަރުގެ އެމްބެސެޑާޝިޕެއް ގަބޫލުކޮށް،ރިޕޯރޓުތައް ބުނާގޮތުން އޭނާ ވަނީ ’ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް‘ (CUBN) ކްރިޕްޓޯ ޓޯކަން ދިފާއުކޮށްފައެވެ. މިއީ ޕަމްޕް-އެންޑް-ޑަމްޕް ސްކޭމެކެވެ. އާދައިގެ ދިވެހިން އެމީހުންގެ މުދާ އިންވެސްޓްކުރީ އޭނާގެ ބަހަށެވެ. އެ ލާރިތައް ގެއްލުމުންވެސް، ކަލްޓުގެ މީހުން އެ މާލީ ޚިޔާނާތް ފޮރުވައި، އޭނާގެ އެމްޑީޕީ ޗެއާޕާސަން ކެމްޕޭނަށް ފަންޑުކުރިއެވެ.

ކަނު ނިދިން ހޭލުން

މި ތާރީޚީ ޙަޤީޤަތްތަކަށް ބަލާއިރު ސާފުވާ ކަމަކީ، މި ސިޔާސީ ބްރޭންޑަކީ ދުވަހަކުވެސް ރާއްޖޭގެ ކުރިއެރުމަށް ނުވަތަ ދީނަށް މަސައްކަތްކުރި ބައެއް ނޫނެވެ. މިއީ އެންމެ މީހެއްގެ އަހަންމިއްޔަތުކަން ދެމެހެއްޓުމަށް ޤައުމުގެ ދީނާއި، އަޚްލާގާއި، މާލީ ރައްކާތެރިކަން ޤުރުބާންކުރާ ސިކުނޑީގެ މަޅިއެކެވެ. ކަލްޓެއްގެ މީހުންނާ ޙަޤީޤަތް ދައްކައިގެން ބަހުސްކުރުމަކީ ބޭކާރު ކަމެކެވެ. ޤައުމުގެ ޙަޤީޤީ ކުރިއެރުން ބިނާވަނީ ހިމޭން އަޣުލަބިއްޔަތުގެ މައްޗަށެވެ. އެއީ ދީނާއި އެއްގޮތް ދިވެހި ސަގާފަތުގެ މައްޗަށް ބިނާވެގެން، އަމަލީ މަސައްކަތުން ޤައުމު ބިނާކުރާ މީހުންނެވެ. ސިޔާސީ ކަލްޓުތައް އަބަދުވެސް އޮންނާނީ މާޒީގައެވެ. ފާއިތުވެގެން މިދިޔަ 21 އަހަރުގެ ތެރޭގައި ހިނގައިދިޔަ މިފަދަ ކަންކަމަށް ވިސްނާ ފިކުރުކޮށްލީމާ މި ގެންނާން އުޅޭ ’ބޮޑު ބަދަލު‘ ގެ ޙަޤީޤަތް ސާފުވާނެއެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
5 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ރަމީޒް
ރަމީޒް
2 މަސް ކުރިން

މާމޮޅު ވާހަކަ ދައްކާނެ ކަމެއްނެތް, ސިޔާސީ ހުރިހާ ލީޑަރުންވެސް ތެޅެނީ ހަމަ އެއްފާޑަކައް, ތީހަމަ އެއްގަލުން ފެހިކައިގެން އުޅޭ ބަގަ, ވަކި ޕާޓީއެއް ކިޔާނެ ކަމެއްނެތް.

އަމީޒު
އަމީޒު
2 މަސް ކުރިން

ވަރަށް ޢިބްރަތްތެރި ލިޔުމެއް. ގައުމާ މެދު ވިސްނާ މީހުން ފިކުރުކުރާން ޖެހޭ މުހިންމު ލިޔުމެއް. ލިޔުންތެރިޔާއަށް ތަހުނިޔާ!

ޚާލިދު
ޚާލިދު
2 މަސް ކުރިން

100% ހަގީގަތް

މާލިމީސޮރިގެ އާދަނު
މާލިމީސޮރިގެ އާދަނު
2 މަސް ކުރިން

ވަރަށް މޮޅު އާޓިކަލްއެއް. ތިނޫން ކޮންމެ ބައެއް ވެރިކަމަށް އަޔަސް އޯކޭ…

އަލީ
އަލީ
2 މަސް ކުރިން

މީގެ އަތުރު މިމީހުން ވެރިކަމުގަ އަބަދުވެސް ދައްކާ ވާހަކައަކީ މުސާރަދީފަ ރަޔިތުންނައް ކުރާކައް ފައިސާނެތުމުން ލޯނު ނޫނީ ތަންތަންވިއްކުން ނޫންގޮތެއް ނެތޭ އެކަމަކު އެމީހުންގެ ވައްކަމުގެލިސްޓްގަ ތިބިއެންމެން އަތުގި މިލިޔިނުން