މާލޭގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މޫންލައިޓްވިޔު، މުޙައްމަދު ޢުމައިރު (58އ) އާއި، ލ. ދަނބިދޫ، ގުލްއަލާގެ، މާޝާ އިބްރާހީމް (38އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ކޯޓު އަމުރެއްގެ ދަށުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އެ ތަނުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބަންދަށްވެސް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.












