ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ތަފާތު އެކި މައްސަލަތަކުގައި ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރާ، ކަމާބެހޭ ގަވާއިދުތަކުގެ މަތިން ނައްތާލައިފިއެވެ.
ދޫނިދޫގައި ކުރިއަށްދިޔަ މި ހަރަކާތުގައި ނައްތާލާފައިވަނީ، ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެއްޗާއި، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗެވެ. މީގެ ތެރޭގައި ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހުގެ އިތުރުން ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާ ހިމެނެއެވެ.
ދޫނިދޫގައި ނައްތާލި ތަކެތީގެ ތަފްސީލަށް ބަލާއިރު،
ބްރޭންޑެޑް ބަނގުރަލުގެ 364 ފުޅިއާއި، ޕެޓް ފުޅީގައި ހުރި 78 ފުޅި ބަނގުރަލުގެ އިތުރުން 25 ދަޅު ބަނގުރާ ހިމެނެއެވެ. މީގެ އިތުރުން ބަނގުރަލުގެ މައްސަލަތަކާ ގުޅުންހުރި އެހެނިހެން ހަތް އައިޓަމެއް ވެސް ވަނީ ނައްތާލާފައެވެ. މި ތަކެއްޗަކީ ޖުމްލަ 13 އިންސިޑެންޓެއްގައި ހިމެނޭ ބަނގުރަލާއި، ކޭސް ކުރެވިފައިވާ 21 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ”ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު“ ގެ ދަށުން އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލާފައިވާ ކޮމެޓީގެ ސީދާ ބެލުމުގެ ދަށުންނެވެ.
ފުލުހުން ބުނީ މިފަދަ ތަކެތި ނައްތާލުމަކީ، މައްސަލަތަކުގެ ތަހުލީލު ނިމި، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަވުމުން ގަވާއިދުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.












