ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރެއްވި މުޙައްމަދު ނިޒާރަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފިއެވެ.
ޕީސީބީގެ ރައީސްކަމުގެ މަގާމަށް ނިޒާރު އައްޔަންކުރައްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ވަނީ ނިޒާރާ އިންޓަވިއު ކޮށްފައެވެ. އިންޓަވިއު ކުރުމަށްފަހު ކޮމިޓީގެ މެންބަރުން ނިޒާރަށް ދީފައިވަނީ %82.17 މާކުހެވެ. އެހެންކަމުން މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ނިޒާރަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ޕީސީބީގެ އެންމެ މަތީ އިސްވެރިޔާގެ މަގާމު ނިޒާރު އަދާކުރައްވާ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް މި މަގާމު ފުރުއްވައި، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގަވަރނަންސް އޮނިގަނޑުތައް އެކުލަވާލުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވައިފައެވެ.
މީގެ އިތުރުން އޭނާ ވަނީ، ދައުލަތުގެ ކުންފުނިތައް މޮނިޓަރކުރުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ރޮނގުން ތިރީސް އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ވެސް ހާސިލުކުރައްވައިފައެވެ.
އަދި ހަމައެހެންމެ، ތައުލީމީ ރޮނގުން ވެސް ނިޒާރަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ (އެމްބީއޭ) ފުރިހަމަކުރައްވައިފައެވެެ. މީގެ އިތުރުން ކޯޕަރޭޓް ގަވަރނަންސްއާއި ގުޅޭ ބައިނަލްއަގުވާމީ ގިނަ ފޯރަމްތަކާއި މަތީ ފަންތީގެ ތަމްރީނުތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ.













