ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ބޭނުންވާ ބޭހުގެ ސަޕްލައިއަށް މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމަށް ހެލްތު މިނިސްޓަރ ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި، ނަފްސާނީ ބަލިމީހުންނަށް ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މެންބަރުން ވަނީ ސުވާލު އަމާޒުކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، މެންޓަލް ހެލްތު ޕޭޝަންޓުންނަށް ލިބެންޖެހޭ ބޭސްތަކަކީ ވަކި ހާއްސަ އުސޫލުތަކެއްގެ ދަށުން ކޮންޓްރޯލް ކުރެވިގެން ގެނެވޭ ބޭސްތަކެއް ކަމަށެވެ.
”މީގެ ތެރެއިން ބައެއް ބޭސްތަކަކީ ބޭސް ސިޓީގައި ލިޔެވިގެން، ވަކި ހާއްސަ އިންތިޒާމްތަކެއްގެ ތެރެއިން މެނުވީ ލިބޭ ބޭސްތަކެއް ނޫން. އަދި ބައެއް ބޭސްތަކަކީ ރާއްޖެ އެތެރެކުރުމުގައިވެސް ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކޯޓާއެއް ކަނޑައެޅިފައި ހުންނަ ބޭސްތަކެއް،“ މިނިސްޓަރ ވިދާޅުވިއެވެ.
ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ބަލިމީހުންނަށާއި، އާއިލާތަކާ ހަވާލުވެގެން މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
”އެ ބޭހުގެ ސަޕްލައިއަށް މިވަގުތު އެއްވެސް ދަތިކަމެއް ހުރި ކަމަކަށް އަޅުގަނޑު ނުދަންނަވާނަން،“ މިނިސްޓަރ ޤީލާ އިތުރަށް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާއާއި ބޭސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.













