މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ށ. މިލަންދޫ، ސުނީތާހައުސް، ޢަލީ އިބްރާހީމް (37އ) 25 އަހަރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
2026 ޖޫން 21 ވަނަ ދުވަހު ކޯޓުން ކުރި މި ހުކުމުގައިވަނީ، ޢަލީ އިބްރާހީމް 25 އަހަރަށް ޖަލަށްލުމުގެ އިތުރުން، 100,000 (އެއްލައްކަ) ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، މިއީ 2023 ޖަނަވަރީ 12 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. ފުލުހުން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2023 މާރިޗު 13 ވަނަ ދުވަހުއެވެ.
މި ހުކުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށާއި، މުޖުތަމައުއިން މިފަދަ ނުރައްކާތެރި ކުށްތައް މަދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.













