ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
މި މައްސަލައާ ގުޅިގެން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި އޭނާ މިހާރު އުޅޭ ވަކި ތަނެއް މިހާތަނަށް އެނގިފައި ނުވާތީ، އޭނާ ހޯދުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ. މިއީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުއްޓަސް އެމީހަކު ހޯދުމަށް ބޭނުންކުރާ ނިޒާމެކެވެ.














