ފަލަޞްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް މި ހަފުތާގައި ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މިގޮތުން ޣައްޒާގައި އަލްޖަޒީރާގެ ނޫސްވެރިއަކު ޝަހީދުކޮށްލާފައިވާއިރު، ހުޅަނގު އައްސޭރީގެ މިސްކިތްތަކުގައި އަލިފާން ރޯކޮށް، ފަލަޞްޠީނުގެ ބިންތައް ފޭރުން ވަނީ އިތުރުވެފައެވެ.
ނޫސްވެރިންނަށް އަމާޒުކުރާ ހަމަލާތައް
ޣައްޒާގެ ބުރައިޖު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި، އަލްޖަޒީރާ މުބާޝިރުގެ ކެމެރާމަން އަހުމަދު ވިޝާހް ވަނީ ޝަހީދުކޮށްލާފައެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި ޝަހީދުކޮށްލި އަލްޖަޒީރާގެ 12 ވަނަ މުވައްޒަފެވެ. އިސްރާއީލުން އޭނާއަކީ ހަމާސްގެ މެންބަރެއް ކަމަށް ބުނެ ދޮގު ތުހުމަތުތަކެއް ކުރި ނަމަވެސް، އަލްޖަޒީރާއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.
ބިންތައް ހިސާރުކުރުމާއި އިސްތިޢުމާރު
ހުޅަނގު އައްސޭރީގެ ހެބްރޮންގައި އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލްލް ސްމޮޓްރިޗް ވަނީ 1997 ވަނަ އަހަރުގެ ހެބްރޮން އެއްބަސްވުން ”ބާތިލު“ ކޮށްފައިވާ ކަމަށް އިއުލާނުކޮށްފައެވެ. މީގެ ބޭނުމަކީ އިބްރާހިމީ މިސްކިތް ހިމެނޭ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އިސްރާއީލުގެ ދަށަށް ގެނައުމެވެ. މީގެ އިތުރުން، ޣައްޒާގެ %64 ސަރަހައްދެއް މިހާރު އޮތީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިސްކިތްތަކާއި ފެނުގެ ނިޒާމަށް ދެމުންދާ ހަމަލާތައް
ޖޫން 17 ވަނަ ދުވަހުގެ ފަތިހު، ހުޅަނގު އައްސޭރީގެ ޖިލްޖިލިޔާ އަދި މަޒްރާއުލް ނުބާނީ އަވަށުގެ މިސްކިތްތަކުގައި ޔަހޫދީ ވަޒަންވެރިން ވަނީ އަލިފާން ރޯކޮށްފައެވެ. އަދި މިސްކިތްތަކުގެ ފާރުތަކުގައި ނާޒީންގެ އަމަލުތަކަށް ހިތްވަރުދޭ ފަދަ ލިޔުންތައް ލިޔެފައިވެއެވެ. މީގެ އިތުރުން، ހޫނު މޫސުމާ ދިމާކޮށް ފަލަޞްޠީނުގެ ރައްޔިތުންނަށް ލިބޭ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލައި، ފެން ހޮޅިތައް ހަލާކުކުރުމުގެ އަމަލުތައް ވެސް ވަނީ އިތުރުވެފައެވެ.
އިންސާނީ އެހީގެ ދަތިކަން
ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މިހާތަނަށް 73,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އދ. އިން ހާމަކުރި ގޮތުގައި ޣައްޒާއަށް ބޭނުންވާ ތެލާއި ސިއްހީ ސާމާނު ނުލިބުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ބައިނަލްއަޤުވާމީ މުޖުތަމައުން އިސްރާއީލުގެ މި އަމަލުތައް ކުށްވެރިކުރި ނަމަވެސް އެދެވޭ ގޮތެއްގައި މިކަމަށް މަސައްކަތްތަކެއް ކުރާ މަންޒަރު ނުފެނެއެވެ. އަދި ޢަރަބި އިސްލާމީ ޤައުމުތަކުންވެސް މިކަމަށް ހިމޭންވެގެން ތިބުމުގެ ނަތީޖާއަކީ އިސްރާއީލުން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ފަލަޞްޠީނުގެ ބިންތައް ފޭރުމާއި އާންމުންނަށް އަނިޔާކުރުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމެވެ.












