ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކޯލް ސެންޓަރުގެ ހިދުމަތް އަންނަ މަހު އައްޑޫ ސިޓީގައި ފަށާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެންސްޕާއިން މީސް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީގެ ކޯލް ސެންޓަރުގެ ހިދުމަތް ފެށުމުން އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭ ވަގުތު އިތުރުވެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެންސްޕާއިން ދެމުންދާ މާލީ އެހީތެރިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެންސްޕާގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެންސްޕާއިން ބުނެފައިވާ ގޮތުގައި، މި ހޮޓްލައިން މެދުވެރިކޮށް ބޭސްފަރުވާގެ އެހީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ އާއި ފޯމު ފުރުމުގައި އެހީތެރިކަމުގެ އިތުރުން އެންސްޕާގެ އެހެނިހެން ދުމަތްތަކާ ގުޅުންހުރި މައުލޫމާތު އޮޅުންފިލުވޭނެއެވެ.
ހަމައެހެންމެ، އެ ކުންފުނީގެ ހިދުމަތްތަކަށް ވަންގަވް މެދުވެރިކޮށް މިހާރު ފޯމު ހުށަހެޅޭނެ ކަމަށާއި އެގޮތުން، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދޭ މާލީ އެހީއާއި ކާބޯތަކެތި ގަތުމަށް ދޭ އެހީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ތެލެސީމިއާ އެލަވަންސާއި ތެރަޕިއުޓިކް ފަރުވާގެ އެހީ އަދި މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.












