ރާއްޖޭގެ ގިނަ ރަށްތަކެއްގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، ހާއްސަ އުސޫލެއްގެ ދަށުން އިމާމުކަން ކުރުމުގެ ހުއްދަ ދޫކުރުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމާއި، ހަމައެކަނި ވަގުތީ އިމާމުންގެ މައްޗަށް ބަރޯސާވާން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މިނިސްޓްރީން މި ދަނީ މަސައްކަތްކުރަމުން. މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ…
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 22, 2026
މި މައްސަލަ ރަށްރަށުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ އަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން މަދުވުމުގެ ސަބަބުން ކަމަށް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މިހާރު ރާވަމުންދާ ކަންތައްތަކުގެ ތެރޭގައި، އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މި ދާއިރާއަށް ޝައުގުވެރިވާ ކުދިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. އަދި އިމާމުކަމާ ގުޅޭ ކޯހެއް ފުރިހަމަކޮށްފައި ނުވި ނަމަވެސް، އެކަމުގެ ގާބިލުކަން ހުރި ފަރާތްތަކަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
އެގޮތުން، މިނިސްޓްރީން ކަނޑައަޅާ ހާއްސަ މުގައްރަރެއްގެ ދަށުން ކޮންމެ އަހަރަކު ވެސް އިމާމުކަމާ ގުޅޭ އާންމު އިމްތިހާނެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި އިމްތިހާނުން ފާސްވާ ފަރާތްތަކަށް އިމާމުކަން ކުރުމުގެ ރަސްމީ ހުއްދައެއް ދޫކުރުމަށް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު، މިކަމުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލުތައް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. މިނިސްޓަރު ޝަހީމް، މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ ދާއިމީ އިމާމުންގެ އަދަދަކީ 569 އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ 632 މިސްކިތުގެ ތެރެއިން ދާއިމީ އިމާމުން ހަމަޖެހިފައިވާ މިސްކިތްތަކުގެ އަދަދަކީ 554 އެވެ. އެހެންކަމުން 69 މިސްކިތެއްގައި މި ވަގުތު ދާއިމީ އިމާމުން ނެތްކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން ދެ އިމާމުން ތިބީ އެންމެ 15 މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދީނީ ކަންކަމަށް އިސްކަންދީ، މިސްކިތްތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއްްކަން ފާހަގަކޮށްލަންޖެހެއެވެ.













