ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ އެމްޑީޕީން ދެކޮޅުހަދަނީ، އެ ބިލު ގާނޫނަކަށްވުމުން ނިޒާމުގެ ތެރެއިން ވައްކަންކުރުމަށް އޮތް ހުރިހާ ފުރުސަތުތަކެއް ހަނިވާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ. ޝުޖާއު ވިދާޅުވި ގޮތުގައި، ޑިޖިޓަލް ބަދަލެއްގެ ވިސްނުމާއި ތަސައްވުރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، މާލޭ ސިޓީގެ މޭޔަރުކަމުގެ ކެމްޕޭނު ތެރޭގައި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވައިގެން ތައާރަފުކުރެއްވި ސިޔާސަތެއް ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރު ކަމަށް ވަޑައިގަތުމުގެ ކުރިން ސިޓީ ކައުންސިލުގެ ހުރިހާ މުހިންމު ލިޔެކިޔުންތައް ހުރީ ކަރުދާހުގައި ކަމަށާއި، ނަމަވެސް ”ޑިޖިޓަލް މާލެ“ ތަސައްވުރުގެ ދަށުން އެ ތަކެތި ސްކޭންކޮށް ޑިޖިޓަލް އަރުޝީފެއް ގާއިމުކުރެއްވީ ރައީސް މުޢިއްޒު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މި ބިލަކީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އިންތިހާބުތައް ބޭއްވުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ، މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ވައްކަންތައް ހުއްޓުވުން ކަމަށާއި، މި ބިލު ފާސްކުރަން އުޅުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވަނީ މި ސަބަބަށްޓަކައި ކަމަށެވެ.
ހަމައެހެންމެ، ކޮރަޕްޝަން މަދުކުރުމަށްޓަކައި ޕްރޮކިއުމަންޓް ފަދަ މުހިންމު ކަންކަމުގައި އިންސާނުންގެ ދައުރު ކުޑަކުރަންޖެހޭ ކަމަށާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުން އެކަން ހާސިލުކުރެވިގެންދާނެ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓިފައި ނުވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، އޭރު އައިޖީއެމްއެޗްގެ ބަލިމީހުންގެ މައުލޫމާތާއި، ފުލުހުންގެ އިދާރާއަށް ހެކިވެރިންނާއި މުއްތަހަމުން ދީފައިވާ ބަޔާންތައް ލީކުވެފައިވާ ކަމަށެވެ. ނަމަވެސް، މި ބިލަށް ގާނޫނީ ބާރުވެރިކަން ލިބުމުން ރައްޔިތުންގެ އެފަދަ މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނެ ނިޒާމެއް ގާއިމު ކުރެވިގެންދާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.













