މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު އިއްތިފާޤުން ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި މަޤާމަށް ޙަސަން ޒަރީރު އައްޔަންކުރެއްވީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
ޙަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ކޮމިޓީން ނިންމީ އޭނާއަކީ އެ މަޤާމަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމަށާއި، އޭނާއަށް ރުހުން ދިނުމަށް ފެންނަ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.
ޒަރީރަކީ މާލީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރު ކަމާއި ކޮމިޝަނަރުގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. ތަޢުލީމީ ގޮތުން ބަލާއިރު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ބެޗްލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައިވެއެވެ.
ކޮމިޓީން މި މައްސަލަތައް ނިންމުމާ ގުޅިގެން، ދެން މި މައްސަލަ ފޮނުވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. ވަޒީރަށް ރުހުން ދިނުމާ މެދު އެންމެ ފަހުގެ ގޮތް ނިންމާނީ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.














