އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ދައުވާ އުފުލާފައިވާ މަޝްހޫރު ވިޔަފާރިވެރިން ހިމެނޭހެން އެ މައްސަލައިގެ ޝަރީއަތުގެ ދެ ވަނަ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި މައްސަލައިގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1:00 ގައެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ފެށިފައިވާ މި ޝަރީއަތް މިހާރު ކުރިއަށްދަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކުގެ މަރުހަލާގައެވެ. މި މައްސަލައިގައި ހިމެނޭ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު ކުރިން ހައްޔަރުކުރި ނަމަވެސް، ފަހުން ޝަރުތުތަކަކާއެކު އެ މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ ދެ މީހުން ބަންދުން ދޫކޮށްލީ މި ވައްކަމުގައި ޢަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީއެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ސިނގިރޭޓްތައް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގާފައިވަނީ ހަމަ އެފަދަ ދެ ކޮންޓެއިނަރު ތައްޔާރުކޮށް އެމްޕީއެލް ޓާމިނަލްގައި ބަހައްޓައިގެން ކަމަށެވެ. އެގޮތުން އަސްލު ކޮންޓެއިނަރުތައް ވަގަށް ނެރެގެން ގެންދިއުމަށްފަހު، އެ ވައްކަމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އެ ސިނގިރޭޓްތައް ތިލަފުއްޓަށް ގެންގޮސް ކޮންޓެއިނަރުތައް ހަލާކުކޮށްލާފައި ހުއްޓައި ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައިގައި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލްއާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ އަހުމަދު ޝަހީމް އަދި އަހުމަދު ފިރުސާންގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމާއި އެކަން ރޭވުމުގެ ދައުވާ ވަނީ އުފުލާފައެވެ. މީގެ އިތުރުން އެމްޕީއެލްގެ މުވައްޒަފު ހުސައިން ސާމިހު އަދި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދައުވާ އުފުލާފައިވާއިރު، މުހައްމަދު އަލަމިން މިއާ އަދި ހަސަން އަބްދުއްރަހުމާނުގެ މައްޗަށް ވަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތުމުން އޭނާގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ ލިބޭ އެހެން ފަރާތްތަކަކީ މި ކުށުގެ އަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަކަށް ވާތީ، އެ މީހުންނަށް ލިބެންޖެހޭ އަދަބަކީ އަސްލު ކުށްކުރި ފަރާތްތަކާއި އެއް ދަރަޖައިގެ އަދަބެއް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ، ކުށުގެ ހައްސާސްކަމަށް ރިއާޔަތްކޮށް ގާނޫނުގައި އޮތް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީން ވަނީ ހާމަކޮށްފައެވެ.













