ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރ. މާކުރަތުގައި ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ.
މާކުރަތު ފުޓްސަލް ދަނޑު ހުޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.
މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު ރައީސް މުޢިއްޒު މާކުރަތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ނިސްބަތްވާ ކުޑަކުދިންތަކެއް އެމަނިކުފާނަށް ހުށަހެޅި ހުށަހެޅުމަކަށް އެ ރަށުގައި ތަރައްގީކުރަން ފެށި ފުޓްސަލް ދަނޑެކެވެ. އެ ދުވަހުގެ ވީޑިއޯއެއް ވެސް މީސް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
އެ ކުދިންގެ އެދުމާއެކު، ރައީސް މުޢިއްޒު ވަނީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެ ތަނަށް ގެންނަވައި، އެ ކުދިންގެ ކުރިމަތީގައި އެ މަސައްކަތް ވީހާވެސް އަވަހަށް ފެއްޓެވުމަށް އިރުޝާދު ދެއްވައިފައެވެ. އެއާއިއެކު މިނިސްޓަރު ރާފިޢު ވަނީ އެ މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް، އަދި މާކުރަތު ރައްޔިތުން އެދުނު ގޮތަށް، ސަރުކާރުން މިވަނީ ކުރު މުއްދަތެއްގެ ތެރޭގައި މި ދަނޑުގެ މަސައްކަތް ނިންމައި، ކުޑަކުދިންނާއި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފުރުސަތު ފަހިކޮށްދީފައެވެ.














