ސަޢުދީ ޢަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސްއިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ.
މި ފެށުނު ދަތުރުތަކުގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފުރުސަތެއް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފްލައިނާސްގެ ފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ކިޔާފައިވަނީ ވޯޓަރ ސަލިއުޓަކާއެކުގައެވެ. މީގެ އިތުރުން، ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ހާއްސަ މުނާސަބަތާ ގުޅިގެން، ރާއްޖެއަށް އައި ފަސިންޖަރުންނަށާއި އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާ ވެސް ބަހައިފައެވެ.
ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް އެމްއޭސީއެލްއިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.












